ރައީސް މުހައްމަދު ނަޝީދު

އަލިމަނިކު ދޫކޮށްލި ސަބަބު ހާމަކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ، އަބްދުﷲ އަލިމަނިކު ކުރިން އެހެން މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާއަށް މައާފުދީ ދޫކޮށްލި ސަބަބު ހާމަކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަރިހުން ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ އަބްދުﷲ އަލިމަނިކަށް މައާފުދީ ދޫކޮށްލި ސަބަބާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސިޓީއެއް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަލިމަނިކު ދޫކޮށްލި ސަބަބު ސާފުކުރުމަށް މަޖިލީހުގެ ސަލާމަތާއި ގުޅޭ ކޮމިޓީ -- 241 ކޮމިޓީން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް ހުށަހެޅުއްވިކަމަށް ހަސަން ލަތީފުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ޖަވާބެއް ރައީސް އޮފީހުން ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މެންބަރު އެދިވަޑައިގެންފަ އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ލިބޭތޯ ދަންނަވައިދިނުމަށް. ދެން އަޅުގަނޑު އިއްޒަތްތެރި މެންބަރު އަރިހުން ދަންނަވަން އޮތީ އަޅުގަނޑަށް މި ގޮނޑީގައި އިނދެގެން މި ދެންނެވެނީ. މީގެ އިތުރަށް އަޅުގަނޑު، ރައީސުލްޖުމްހޫރިއްޔާ އަރިހުގައި މި ވާހަކަ ދަންނަވާނެ ގޮތެއް ހަމަ ހަގީގަތުގައިވެސް ނެތް. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް އަދަބު އިހުތިރާމާއެކު އެދެން މި މައުލޫމާތު މި މަޖިލީހަށް މަނިކުފާނު ފޮނުވާ ދެއްވުމަށް،" ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ހަސަންގެ ސިޓީގައި ބުނެފައިވަނީ 2019 ވަނަ އަހަރު އަލިމަނިކު ދޫކޮށްލުމަށްފަހު ކަމާ ގުޅޭ ރިޕޯޓް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަދާފައިވަނީ 2021 ވަނަ އަަހަރު ކަމަށެވެ.

އަލި މަނިކު 2007 ވަނަ އަހަރު އެންމެ ފުރަތަމަ ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލީ އޭނާ އިސްވެ ހުރެ ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގި ހަމަނުޖެހުންތަކުގައި ކުށް ސާތިބުވެގެންނެވެ. އެކަމަކު ކުޑަދުވަސްކޮޅެއް ފަހުން ޖަލުން ފިލައިގެން ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް އަތުލައިގަނެގެން ގެންނަނިކޮށް ނަމާދުކޮށްލަން ދިން ފުރުސަތެއްގައި ކަނޑަަށް ފުންމާލައިގެން ވެސް އަލި މަނިކު ފިލި އެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އޭނާ އަތުލައިގަތީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުން ދަނިކޮށެވެ.

އަލި މަނިކު ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް 2021 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ އޭނާއަށް އިއްވާފައިވާ ހުރިހާ ހުކުމެއް ތަންފީޒުކޮށް ނިމި މިނިވަންވެފައި ހުއްޓަ އެވެ. މިފަހަރު އަލިމަނިކު ހައްޔަރުކުރީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި، 2021 ގައި ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ ޝަރީއަތް ކުރިއަށްދާތީ އަލިމަނިކު މިވަގުތު ޖަލުގަ އެވެ.

މީގެކުރިން އަލިމަނިކަށް އިއްވި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާ ދޫކޮށްލީ 2019 ވަނަ އަހަރު އެެވެ. އަލިމަނިކުގެ ކުށަށް ލުއިދީ އޭރު އޭނާ ދޫކޮށްލި ސަބަބާ ގުޅޭގޮތުން ރައީސް ސޯލިހް ވަނީ ޖޫން 29، 2021 ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުކޮށް ވާހަކަދައްކަވާފަ އެވެ.