ރާއްޖެ ކުޅިވަރު

އިންޑިޔާ ސަރުކާރާ ވާހަކަ ދެއްކުމަކީ އޮލިމްޕިކް ކޮމިޓީންކުރާ ގާނޫނާ ހިލާފު ކަމެއް: ޒުހޫރު

އިންޑިޔާގައި އަންނަ މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް އިންޑިޔާ ސަރުކާރުގެ އެހީތެރިކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެދުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަހުމަދު ޒުހޫރު ރޭ މިހެން ވިދާޅުވީ ސަރުކާރުން ގޭމްސް އަށް ފޮނުވާނީ ހަތް ކުޅިވަރަކުން އަށް ޓީމު ކަމަށް ނިންމުމުން ބާކީހުރި ކުޅިވަރުތައް ބައިވެރިކުރަން އިންޑިޔާ ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފައިވާތީ އެވެ.

"އެމްއޯސީ އަށް އިންޑިޔާ ސަރުކާރާ ވާހަކަ ނުދެއްކޭނެ. ސަރުކާރަކާ ވާހަކަ ދެއްކޭނީ ސަރުކާރަކަށް. ނޭނގި ނަމަވެސް އެބޭފުޅުން އެކުރައްވަނީ ގާނޫނ ކުށެއް. އެދެންޖެހޭ ކަންތައްވެސް ހުންނާނެ. ނަމަވެސް އެކަން އެގޮތަށް ނުކުރެއްވުމަށް އަޅުގަނޑު ގޮވާލަން. މީގެ ސަބަބުން ބައިލެޓްރަލް ރިލޭޝަންސް އަށް ވެސް އަސަރުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން ވަނީ ސަރުކާރުން ހަރަދުނުކުރާ ކުޅިވަރުތަކަށް އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯދަން ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާ ވެސް މަޝްވަރާކޮށްފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް މިވަގުތު ހުންނެވީ އަމިއްލަކަމެއްގައި ރާއްޖޭން ބޭރުގަ އެވެ.