ރާއްޖެ ކުޅިވަރު

އޮލިމްޕިކް ކޮމިޓީ އަށް މިނިސްޓަރު ޒުހޫރު ވަރުގަދަ ރައްދެއް

ސައުތު އޭޝިއަން ގޭމްސްއާދާ ކުޅިވަރުތަކަށް މަދުކުރި މައްސަލާގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރާ ބެހޭ މިނިސްޓްރީ ކޯޅެން ފަށާފައިވާއިރު މިނިސްޓަރު އަހުމަދު ޒުހޫރު ރޭ ވަރުގަދަ ރައްދެއްދީފި އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޝޯގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީ އަކީ އެމީހުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކޮށް، ހަރަދުކޮށްދޭ ބައެއް ކަމަށެވެ.

"އޮލިމްޕިކް ކޮމިޓީ މިވަނީ ފައިސާދިނީމާ ހަރަދުކޮށްދޭ ބަޔަކަށް. ހަރަދުކޮށްދޭން މެދުވެރިއަކަށް މިވަނީ. މިއަށްވުރެ އަޅުގަނޑަށް މާރަނގަޅު އެސޯސިއޭޝަންތައް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ގޭމްސް އަށް ފޮނުވާނީ ހަތް ކުޅިވަރުން އަށް ޓީމު ކަމަށް ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމުމުން އޮލިމްޕިކް ކޮމިޓީގެ ފާޑުކިއުން މިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށް މިނިސްޓަރު ރޭ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކާމިޔާބު ލިބޭނެ ކުޅިވަރުތައް ގޭމްސް އަށް ފޮނުވަން ކަމަށެވެ.

"ވަރަށް ފަހުން މިދިޔައީ އައިއޯއައިޖީ (އިންޑިއަން އޯޝަން އައިލެންޑް ގޭމްސް) އަށް. 250 ވަރަކަށް މީހުން ބައިވެރިވި އެގޭމްސްގައި. އޭގެ ދެ މަހެއްހާ ދުވަސް ފަހުން އަނެއްކާ ގޭމްސްއަކަށް ދާން މިޖެހުނީ. އެކަމަކު ސަރުކާރުން ބެނުންވަނީ ގޭމްސްއަކަށް ކުދިން ކޮޅެއް ހޮވާލާފައި ފޮނުވާލުމުގެ ބަދަލުގައި ކާމިޔާބު ހޯދޭނެ ކުޅިވަރުތައް ފޮނުވަން. ކުޅިވަރުތައް ކަނޑައެޅި މިނިސްޓަރީއަކުން ނޫން. ކުޅިވަރުގެ ގައުމީ މަޖިލީހުން. އޭގެ ކުރިން މީޓިންތަކެއް ވެސް ބޭއްވި އެކަމާ ބެހޭ ގޮތުން. މީގެ އިތުރުން ކާމިޔާބު ލިބިދާނެ ކަމަށް ފެންނަ ކުޅިވަރުތަކަކީ ކޮބާތޯ ބަލާފައި ކާމިޔާބު ހޯދޭނެ ކަމަށް ކުރެވިފައި ހުރި މަސައްކަތްތައް ލިޔުމުން މިނިސްޓްރީ އަށް ހުށަހެޅީމާ އަޅުގަނޑުމެން ރައީސް (އަބުދުﷲ ޔާމީން)އާ ހަމައަށް ވެސް ގެންގޮސްދޭނަން. އެކަމަކު އޮލިމްޕިކް ކޮމިޓީން ވެސް މިކަމެއްނުކޮށް، މިނިސްޓްރީ ކުށްވެރިކޮށް، ދިވެހި ކުޅުންތެރިންނާއި އެސޯސިއޭޝަންތަކާ ޖައްސަން މަސައްކަތް މިކުރަނީ،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮލިމްޕިކް ކޮމިޓީން މަސައްކަތްކުރަނީ ވަކި އެޖެންޑާއެއް ހިފައިގެން ކަމަށާއި މީގެ ކުރިން ކުޅިވަރާ ބެހޭ މިނިސްޓްރީ ހިންގެވި މިނިސްޓަރުންނާ ވެސް އޮލިމްޕިކް ކޮމިޓީއާ މައްސަލަޖެހިފައިވާ ކަމަށެވެ.

"މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް (މުހައްމަދު ހުސެން ޝަރީފް) މުންދު އަކީ ވެސް. އެބޭފުޅާއާ އޮލިމްޕިކް ކޮމިޓީއާ މައްސަލަ ޖެހުނު. އެއީ އަސްލުގައި އަދާކުރަންޖެހޭ ޒިންމާއަދާނުކޮށް ވަކިކަންތައްތަކެއް ހާސިލްކުރަން މަސައްކަތްކުރާތީވެ. ދެން ހުންނެވީ (މުހައްމަދު) މަލީހް ޖަމާލް. އެއިރު ވެސް ކަންކަންދިޔައީ މިކަހަލަ ގޮތަކަށް،" ޒުހޫރު ވިދާޅުވި އެވެ.

ކުޅިވަރުތައް ލިމިޓްކުރީ މަޝްވަރާނުކޮށް އެންމެ ފަހު ވަގުތު ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ. އަދި މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ނާޖައިޒް ފައިދާ ނަގައި އޮލިމްޕިކް ކޮމިޓީ އަށް އަންނަން މަސައްކަތްކުރާ މިނިސްޓްރީގައި ތިއްބެވި ވަކިބަޔަކު ބޭނުންވާ ކަމެއް ހާސިލްކުރަން ކުރި މަސައްކަތެއް ކަމަށް އޮލިޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޒުހޫރު ވިދާޅުވީ ހުސްވި އަހަރު ވެސް 51 މިލިއަން ރުފިޔާ ކުޅިވަރު އެސޯސިއޭޝަންތަކަށް މިނިސްޓްރީން ހަރަދުކުރި ކަމަށާއި އައިއޯއައިޖީ އަށް ވެސް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސް އަކީ ބަޖެޓްކޮށްފައިނެތް ކަމަށާއި ދުރާލައި ކަންކަމަށް ބަޖެޓްކޮށް، ކަންކަން ހަމަޖެއްސުމުގެ އާދަ ވެސް ގެނުވަންޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެން ޖެހޭ ފިނޭންސް މިނިސްޓްރީގައި. އެބޭފުޅުން ނޯ ބުނެފިއްޔާ މިކަމެއްނުވާނެ. އެހެންވީމަ ދުރާލައި ބަޖެޓް ކުރަންޖެހޭ. ޕްރޮގްރާމް ހައްދަވައިގެން މަސައްކަތް ކުރަންޖެހޭ. ވަގުތު ޖެހުނީމާ އުޅެގެން ކަންކަން ކުރަން ފަސޭހަނުވާނެ،" ޒުހުރު ވިދާޅުވި އެވެ.