ޓީ-ބިލް

އެއް ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

Aug 25, 2022
1

ސަރުކާރުގެ ހަރަދުތައް ފޫބައްދަން ބިލިއަނެއްހާ ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އިއުލާން ކުރާ އުސޫލުގެ ދަށުން ޓީބިލް ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 454 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 330 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 145 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 230 މިލިއަން ރުފިޔާގެ ޓީބިލެ ކެވެ.

މިހާރު ހުޅުވާލާފައިވާ ޓީބިލްގެ ޖުމްލަ އަގު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން އެއް މަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި ތިން މަހަށް 3.87 ޕަސެންޓުގައި ވިއްކާއިރު ހަ މަހުގެ ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން އެއް އަހަރުގެ މުއްދަތުގެ ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.