ފިނޭންސް މިނިސްޓްރީ

1.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުގެ ހަރަދުތައް ފޫބައްދަން 1.73 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން ޓީބިލް ވިއްކަން ހުޅުވާލީ 28 ދުވަހުން އަނބުރާ ދެއްކަމަށް 1.07 ބިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 297 މިލިއަން ރުފިޔާގެ ޓީބިލެވެ.

މީގެއިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 50 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 316.6 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލް ސެޓްލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ޓީބިލް ވިއްކާއިރު 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ 63.52 ބިލިއަން ރުފިޔާއަށް އަރަ އެވެ.