ސަރުކާރުން 2.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ވިއްކާފައިވަނީ 912.8 މިލިއަން ރުފިޔާގެ ޓީބިލާއި 230 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 100 މިލިއަން ރުފިޔާގެ ޓީބިލަކާއި 980.5 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
އެގޮތުން 912.8 މިލިއަން ރުފިޔާގެ ޓީބިލް ވިއްކީ 28 ދުވަހުން އަނބުރާ ދައްކާ ގޮތަށް 3.50 އިންސައްތައިގެ އިންޓްރެސްޓްގަ އެވެ. 230 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވަނީ 3.87 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 98 ދުވަހުން ދައްކާ ގޮތަށެވެ.
ފިނޭންސް މިނިސްޓްރީން 100 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވަނީ 183 ދުވަހުން އަނބުރާ ދައްކާ ގޮތަށް 4.23 އިންސައްތަ އިންޓްރެސްޓް ރޭޓުގަ އެވެ. އަދި 980.5 މިލިއަން ރުފިޔާގެ ޓީބިލު ވިއްކީ އެއް އަހަރުން އަނބުރާ ދައްކާ ގޮތަށް 4.60 އިންސައްތަ އިންޓްރެސްޓް ރޭޓުގަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 1.7 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަންވެސް އިއުލާނު ކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ 28 ދުވަހުން އަނބުރާ ދައްކަން ވިއްކާ 554 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކަން ވިއްކާ 44 މިލިއަން ރުފިޔާގެ ޓީބިލެވެ.
މީގެއިތުރުން 183 ދުވަހުން އަނބުރާ ދައްކަން 233 މިލިއަން ރުފިޔާގެ ޓީބިލާއި އެއް އަހަރުން އަނބުރާ ދައްކަން 885.6 މިލިއަން ރުޔފިޔާގެ ޓީބިލު ވިއްކަން އިއުލާނު ކޮށްފައިވެ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.