ސަރުކާރުގެ ޓްރެޝަރީ ބިލް [ޓީބިލް]ތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ 63.52 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ އަދަދެވެ. މީގެތެރޭގައި އެއް މަސް ދުވަހުން ފެށިގެން 10 އަހަރާ ދެމެދުގެ މުއްދަތެއްގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ ސެކިއުރިޓީޒް ހިމެނެ އެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް
- އެއް މަސް ދުވަސް ތެރޭގައި: 2.2 ބިލިއަން ރުފިޔާ
- ތިން މަސް ދުވަސް ތެރޭގައި: 3.2 ބިލިއަން ރުފިޔާ
- ހަ މަސް ދުވަސް ތެރޭގައި: 4.3 ބިލިއަން ރުފިޔާ
- އެއް އަހަރު ތެރޭގައި: 24.8 ބިލިއަން ރުފިޔާ
- ތިން އަހަރާއި ފަސް އަހަރު ތެރޭގައި: 9.8 ބިލިއަން ރުފިޔާ
- ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 1.6 ބިލިއަން ރުފިޔާ
- ހަތް އަހަރާއި 10 އަހަރުގެ ތެރޭގައި: 5.2 ބިލިއަން ރުފިޔާ
- 10 އަހަރާއި އޭގެ ފަހުން: 12 ބިލިއަން ރުފިޔާ
ރާއްޖޭގެ ފަރާތްތަކަށް 54.3 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވާއިރު މީގެތެރޭގައި ދިވެހި ރުފިޔާއިން ވިއްކާފައިވާ 29.2 ބިލިއަން ރުފިޔާގެ ޓީބިލާއި 15 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑް ހިމެނެ އެވެ.
ސެންޓްރަލް ބޭންކްގެ އިތުރުން ކޮމާޝަލް ބޭންކްތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ސެކިއުރިޓީޒް ވިއްކާފައިވެ އެވެ. ޑޮލަރުންވެސް ޓީ-ބިލާއި ބޮންޑް ވިއްކާފައިވެ އެވެ. ރުފިޔާއިން ނަމަ އެއީ 4.2 ބިލިއަން ރުފިޔާ ޓީ-ބިލް އަދި 3.8 ބިލިއަން ރުފިޔާގެ ބޮންޑް ހިމެނެ އެވެ. ބޭރު ފަރާތްތަކަށް 1.5 ބިލިއަން ރުފިޔާގެ ބޮންޑް އަދި 7.6 ބިލިއަން ރުފިޔާގެ ސުކޫކް ވިއްކާފައިވެ އެވެ.