ފިނޭންސް މިނިސްޓްރީ

އާންމުންނަށް ޓީބިލަށް އިންވެސްޓްކުރެވޭ ގޮތް ހަދަނީ

ޓްރެޒަރީ ބިލް -- ޓީބިލަށް އާންމު ރައްޔިތުންނަށްވެސް އިންވެސްޓްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކުދިކުދި އަދަދުތަކުން ޓީބިލްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ ޓީބިލް ގަންނަ ފަރާތްތަކުގެ ނަންތައް ހާމަނުކުރަނީ ކީއްވެތޯ އަދި މާލީ ސެކިއުރިޓީއާ ބެހޭ ބިލް ފާސްކުރިތާ ދެ އަހަރުވެފައިވާއިރު ސެކަންޑަރީ މާކެޓަށް ހުޅުވުން ލަސްވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ.

މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޕްރައިމަރީ މާކެޓްގައި އިންވެސްޓްކުރާ ފަރާތްތަކުގެ ނަންތައް ހާމަ ނުކުރާ ކަމަށެވެ. ނަމަވެސް ނަންތައް ހާމަނުކުރަނީ ކީއްވެގެން ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

މާލީ ސެކިއުރިޓީޒް މާކެޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

"ޕްރައިމަރީ މާކެޓްގެ މަސައްކަތްތައް އަޅުގަނޑުމެން ސީދާ ޓްރެޒަރީ ބިލް އިޝުއަރެންސްގެ މަސައްކަތްތައް މިހާރު މި ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ފިނޭންސުން. ސެކަންޑަރީ މާކެޓް ސީއެސްޑީގެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެމްއެމްއޭ އާއި ގުޅިގެން" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ސެކަންޑަރީ މާކެޓަށް އާންމު ރައްޔިތުންނަށްވެސް އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމުގައިވެސް އަމީރު ވިދާޅުވި އެވެ.

ސަރުކާރުން 2.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކާފައިވާ ކަމަށް މިދިޔަ ހަފުތާގައި ވަނީ ހާމަކޮށްފަ އެވެ. އަދި އިތުރު 1.7 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.