އިސްލާމިކް މިނިސްޓްރީ

ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަށް އަންގައިފި

Aug 25, 2022
8

ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހެދުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް އެންގީ ބައެއް މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ފަރާތުން ތަކުރާރުކޮށް ލިބިފައިވާ ޝަކުވާތަަކަކާ ގުޅިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ނަމާދު ކުރާއިރު ބޭރަށް އަޑުއިވޭ ގޮތަށް ހުރުން އެއީ އަމަލުކުރަމުން އައި އާންމު އުސޫލު ކަމަށްވީ ނަމަވެސް އާންމުންނަށް އުދަނގޫވާ ވަރަށް އަޑު ބާރުކޮށްފައި ހުރުން ރަނގަޅު ނޫން ކަމަށެވެ.

"ބައެއް މިސްކިތްތަކުގެ ލައުޑް ސްޕީކަރު މި ހުންނަނީ ސީދާ މީހުން ދިރިއުޅޭ އިމާރާތާ ދިމާލާ. އުސްކޮށް ހުންނަ އިމާރާތްތަކަށް އެހާލަތުގައި ވަރަށް އުދަނގޫވެދާނެ. އެހެންވެ ބަންގީގެ އަޑަށްފަހު ނަމާދުގެ އަޑު ވަރަށް ބޮޑަށް މަޑުކޮށްލަން ނޫނީ ނަމާދު ގަޑީގައި ކަނޑާލަން މިއެންގީ،" އޮފިޝަލް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ އެންގުން އަންގާފައިވާ މިސްކިތްތަކުގެ މައުލޫމާތެއް އެ މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.