އިސްލާމިކް މިނިސްޓްރީ

އިއްޔެގެ ހުތުބާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި

އިސްލާމީމަރުކަޒުގައި އިއްޔެ އިއްވި ހުތުބާ އަންނަ ހުކުރު ދުވަހު މުޅިރާއްޖޭގައި ކިޔަން ނިންމާފައިވާ ކަމަށް އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އަރަބި ބަހުން އިސްލާމީ މަރުކަޒުގައި ކިޔާފައިވާ ހުތުބާ އަންނަ ހުކުރު ދުވަހު ދިވެހި ބަހުން މުޅިރާއްޖެގައި ކިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އިސްލާމީ މަރުކަޒުގައި އިއްޔެ ހުތުބާ ދެއްވަފައިވަނީ ޖަމިއްޔަތު ތުފޫދުލް ހަރަމްގެ ރައީސް ޑރ. ހައްމާދު ބިން ހުމައިދު ބިން ބުރައިކް އައްސުލަމީ އެވެ. އިއްޔެ އޭނާ ދެއްވި ހުތުބާގެ މައުޟޫއަކީ "ދީނަށްޓަކައި ހިދުމަތް ކުރުން" އެވެ.

އަރަބި ބަހުން ހުތުބާ ގެނެސްދިންއިރު އެ ހުތުބާގެ ދިވެހި ތަރުޖަމާގެ ކޮޮޕީ ހުކުރަށް ދިޔަ މީހުންނަށް ބަހާފައިވެ އެވެ. އަދި ހުކުރު ހުތުބާގެ ތަރުޖަމާ ޓީވީ ޗެނެލްތަކުން ސަބްޓައިޓަލް ކޮށްގެން ގެނެސްދީފައިވެ އެވެ.

ޖަމިއްޔަތު ތުފޫދުލް ހަރަމްގެ ރައީސް ޑރ. ހައްމާދު ރާއްޖެ ވަޑައިގެންފައިވަނީ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.