އިސްލާމިކް މިނިސްޓްރީ

ތިންވަނަ ބުރުގައި 40 އިމާމުން ތަމްރީންކޮށްފި

އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

ސެޓްފިކެޓް ދިނުމުގެ މިޖަލްސާ އޮތީ އޮންލައިންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގައެވެ.

މި ތަމްރީނު ޕްރޮގުރާމުގެ ކުރިއަށް ގެންގޮސްފައިވަނީ ވ އަދި މ އަތޮޅުގެ އިމާމުންނަށެވެ. މި ޕްރޮގުރާމުގައި މިހާތަނަށް 157 އިމާމުން ބައިވެރިވެ ޕްރޮގްރާމު ނިންމާ ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ.

އިމާމުން ތަމްރީންކުރުން ނުވަތަ ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީން ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި ޖުމްލަ ނުވަ މާއްދާ ކިޔަވާދީފައިވެ އެވެ.

އެގޮތުން ގުރްއާނާއި، ތަޖުވީދުގެ އިލްމާއި، ތަފްސީރާއި، ފިގުހާއި، ހަދީސާއި، އަގީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގްރާމުގެ ތެރެއިން އިމާމުންގެ ޝަހްސިއްޔަތު ބިނާކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ މިއަހަރު ޖުމްލަ 700 އިމާމުން ތަމްރީނުކޮށް ނިންމުމެވެ. މިހާތަނަށް ނިމިފައިވަނީ ގއ، ގދ އަތޮޅުގެ 77 އިމާމުން ތަމްރީން ކުރުމާއި، ފުވައްމުލަކުގެ 40 އިމާމަކު ތަމްރީން ކުރުމާއި އަދި މ. އަތޮޅާއި ވ. އަތޮޅުން 40 އިމާމަކު ތަމްރީން ކުރުމެވެ.