ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އޯއައިސީގެ އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރަކަށް ޑރ. ޝަހީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކޮށްފި އެވެ.

ޝަހީމް އެ މަގާމަށް އައްޔަންކުރީ އޯއައިސީގެ ފިގުހު އެކަޑަމީގެ އިދާރީ ބައްދަލުވުމެއް މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށްފަހު އެވެ.

ޝަހީމަކީ ކުރިންވެސް އޯއައިސީގެ ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ކުރެއްވި އެވެ.

މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރު ކަމަށްވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ޝަހީމް އައްޔަންކޮށްފައިވެ އެވެ.

ޑރ. ޝަހީމަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައިވެސް ހިމެނޭ ބޭފުޅެކެވެ.

ޑރ. ޝަހީމް ފާހަގަކުރެވެނީ ސަރުކާރުގައިވެސް މީހުން ބިނާކުރުމަށް އިސްކަންދެއްވާ އަދި ހިންގުންތެރި ވަޒީރެއްގެ ގޮތުގައެވެ.