ލައިފްސްޓައިލް

މޭކަޕް ކުރުމުގައި ސަމާލުވޭ

Aug 27, 2022

މޭކަޕްކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމަކަށް އޮންނަނީ ވެފަ އެވެ. ޕާޓީ އަކަށް ދާން ޖެހިއްޖެނަމަ ގިނަ އަންހެނުން ރީތި ވާނީ ކޮންމެވެސް ބިއުޓީޝަނެއްގެ އެހީގަ އެވެ.

ބައެއް ކުދިން އަމިއްލައަށް ވެސް މިކަންކުރެ އެވެ. މޭކަޕް ކުރުމާއި ރީތިކޮށް ހެދުން އަޅަން ދަސްކޮށްދޭ ކުލާސް ތައްވެސް ހިންގަ އެވެ. ބޮޑު އަގުދީގެން ފެންވަރުގައި ހިންގާ ވޯކްޝޮޕުތަކުގައި ބައިވެރިވާ ކުދިންވެސް މަދެއް ނޫނެވެ.

ސެލޫންތަކަށް ބާރު ބޮޑެވެ، އެޕޮއިންޓްމަންޓަކާއި ނުލައި އެ ދުވަހުން އެދުވަހަށް ޖާގައެއް ލިބުން ދައްޗެވެ. ދެ ތިން ދުވަސް ކުރިން އެޕޮއިންޓްމަންޓް ހަދަން ޖެހެ އެވެ. އެހެންވީމާ މިކަމުގަ ހުރި މުހިއްމުކަން ދެނެގަންނާށެވެ.

ގިނަ ފަހަރު މޭކަޕް ކުރަންދާ މީހާއަށް އެ ސެލޫނަކުން ނުވަތަ ބިއުޓީޝަން ބޭނުން ކުރަނީ ކޮން ބްރޭންޑެއްގެ މޭކަޕް ސާމާނު ކަމެއް ނޭނގެ އެވެ. ކުލަ އަލިކޮށް ފެނުމުން އެ އުގުޅީ ކޮން ބާވަތެއްގެ އެއްޗެތޯ ބަލާވެސް ނުލެވެ އެވެ.

އެކަމަކު އެމީހެއްގެ ހަމުގައި އެ ބޭނުން ކުރާ ޕްރޮޑަކްޓަކާއި ސުވާލުކޮށްލުން ބުއްދިވެރި އެވެ. ސުވާލުކޮށް ނުލުން އެއީ ގޯހެކެވެ. ގައިގެ ހަންގަޑަށް ޖެހޭ ބަލިތަކާއި އަދި ހަމުގެ ކެންސަރު ފަދަ ތަފާތު ބަލިތަކާމެދު މިހާރަށް ވުރެ ބޮޑަށް ވިސްނަންޖެހެ އެވެ.

މާލޭގައި ރީތިވާ ސާމާނު ވިއްކާ ފިހާރަތައް ގިނައިރު ބައެއް ފިހާރަތަކުން ފެންނަނީ ލޯ ކޮލިޓީ މޭކަޕް އުފެއްދުންތަކެވެ. މަދުން ނަމަވެސް ރަގަޅު ބްރޭންޑުތައް ފެނެ އެވެ. ރަގަޅު ބްރޭންޑު ތަކުގެ މޭކަޕް ސާމާނުގެ އަގު ވަރަށް ބޮޑެވެ. އެހެންކަމުން ކޮންމެ ފަހަރަކު މަޝްހޫރު ބޮޑެތި ބްރޭންޑު ތަކުގެ ލިޕްސްޓިކު ފަދަ ތަކެތި ގަނެވެނީ މަދު ބަޔަކަށެވެ. އެހެންކަމުން އެންމެ އާދައިގެ މޭކަޕުން ފަރުޖައްސަލަން އެބަޖެހެ އެވެ. އެގޮތުން މިޖެހެނީ އެއްކަލަ ލޯ ކޮލިޓީ މޭކަޕް ސްޓޮކާއި ދިމާލަށް ދާށެވެ.

މިފިހާރަތަކުން އެންމެ އާދައިގެ މީހާއަށްވެސް ގަނެލެވޭ އަގުތަކުގައި ފައުންޑޭޝަން، ލިޕްސްޓިކު، މަސްކަރާ ލިބެން ހުރެއެވެ. ފިހާރަތަކުގެ ވެރިން ވަރަށް ކުޅަދާނަ އެވެ. އެމީހުން ބަލަނީ ވިޔަފާރި ކުރަން އަންނަ މީހާއަށް ކުލަ އަލިވާ ފައުންޑޭޝަން އެންމެ ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތެކެވެ. އެއީ ކެމިކަލް ފްރީ ޕްރޮޑަކްޓެއްތޯ ނޫނީ ސީއްހީ ގޮތުން ބޭނުން ކުރަން އެންމެ ރަގަޅު ބާވަތެއްގެ އެއްޗެތޯ ބެލުމުގެ މާބޮޑު ޝައުގުވެރިކަމެއް ވިއްކާ ފަރާތުގަ ނުހުރެ އެވެ. ބަޔަކަށް ލިބިގެން ހިގައިދާނެ ގެއްލުމަކަށް ބަލާކަށް ވެސް ބައެއް ވިޔަފާރިވެރިން ބޭނުމެއް ނުވެ އެވެ.

މޭކަޕް ސާމާނު ވިއްކާ ފިހާރަ ތަކުގައި ހުންނަ ތަކެތީގައި ބައެއް ފަހަރަށް ދަންނަ ބަހަކުން ލިޔެފައެއް ވެސް ނުހުރެ އެވެ. އިގިރޭސި އަކުރުން އެއްވެސް ވަރަކަށް ލިޔެފައި ނެތަސް ވަރިހަމަ އެވެ. އެ އުގުޅަން ޖެހެނީ ލޮލުގައި ކަމެއް ނުވަތަ ބޮލުގައި ކަމެއް އެގެން ނެތުނަސް ދިވެހި ކުދިންނަށް އެ އުގުޅަންވީ ތަން އެނގެ އެވެ.

ވިސްނާލުން ރަގަޅެވެ. ޕާޓީތަކަށް ދިއުމަށް މޭކަޕްކުރުން ގޯހެއް ނޫނެވެ. އެކަމަކު އަބަދު އެކުލަތައް އުނގުޅައިގެން ތިރީތި ސިފަ ހަލާކުކޮށް ނުލާށެވެ.