ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާ ގިނަ ތަރައްގީގެ މަސައްކަތްތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައި ތިބެނިކޮށް މި ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަން ފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމަށް އެ ރަށު ކައުންސިލް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ދަނބިދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލް ކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލްވުމުގައި ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ރައީސާއި ހިއްސާ ކޮށްފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި ސިއްހީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަ ކުރިއެވެ. އަދި ސްކޫލްގެ ލައިބްރަރީ އެއް އިމާރާތް ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލު މެންބަރުން ފާހަގަ ކުރިއެވެ.
މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާ ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ހިއްސާ ކުރެއްވިއެވެ. އަދި އެ ރަށަށް ފުލުހުންގެ ހިދުމަތް ބޭނުންވާ ކަމަށާއި ދާއިރާގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލަރުން ވިދާޅުވިއެވެ.
ދަނބިދޫގައި ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން އޮތް އިރު ރަށުގެ ނެރުބައްތި ނެތުމާ ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލަރުން ހިއްސާކުރި އެވެ. މީގެ އިތުރުން އިސްދޫ އާއި ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށްވެސް މި ބައްދަކުރެއްވުމުގައި ކައުންސިލުން ވަނީ އެމަނިކުފާނުގެ އަރިހުގައި އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ހައްލުކުރަން ބޭނުންވާ ކަންކަމުގެ މަައުލޫމާތު ހޯއްދަވައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވައި އެކަންކަން ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.