އުރީދޫ

އުރީދޫ ކަލަ ރަން: އުރީދޫ ފަން ރަން

Aug 26, 2022

ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އައު ކަންތައްތަކާއެކު އުރީދޫ ފަން ރަން އިއުލާންކޮށްފި އެވެ.

މި އަހަރުގެ ޑިސެމްބަރު 23 ގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން އިއުލާންކޮށްފައިވަނީ މީސް މީޑިއާގައި އުރީދޫ އިން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ.

އުރީދޫގެ ފޯރި ގަދަ ކަލަ ރަންގެ މަންޒަރުތަކުގެ އިތުރުން ފަން ރަންގެ މަޖާ ހަރަކާތްތައް ވެސް ކޮންމެވެސް ވަރަކަށް އެ ވީޑިއޯގައި އަލިއަޅުވާލަ އެވެ.

އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޙާލިދް އަލް ހަމާދީ ވިދާޅުވީ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އެ ކުންފުނީގެ ޕްރޮޑަކްޓްތަކާއި، ޚިދުމަތްތަކާއި، އިވެންޓްތައްވެސް މިދަނީ އައު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"މުޖުތަމައު އެއްވެގެން ބާއްވާ އިވެންޓަކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިޢުލާންކޮށް، ރީލޯންޗްކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ ފަން ރަން ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން އަށް، މި ރަންގައި އާއިލާ ތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ،" ޙާލިދް އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަ ގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރަށްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ. މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދެވޭނެ އެވެ.