ދުނިޔެ

ހެކަރުން ނޭޓޯ ހެކްކޮށް ސިއްރު ލިޔުންތަކެއް ވަގަށް ނަގައިފި

ހެކަރުންގެ ގުރޫޕަކުން ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ހެކްކޮށް ސިއްރު ލިޔުންތަކެއް ވަގަށް ނެގި މައްސަލަ ބަލަން ފަށައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ހަބަރު އޭޖެންސީތަކުން ބުނާ ގޮތުން ލިޔުންތައް ވިއްކާނެ ކަމަށް ހެކަރުންގެ ގުރޫޕުން ބުނަނީ 15 ބިޓްކޮއިން އަށެވެ. އެއީ ކްރިޕްޓޯކަރަންސީ މާކެޓްގައި ހުރި އަގުތަކަށް / ރޭޓަށް ބަލާއިރު 320،000 ޑޮލަރެވެ.

ނޭޓޯ ބުނާ ގޮތުން އެ ޖަމާއަތަށް ވެސް މި ހަބަރު އޮތީ ލިބިފަ އެވެ. އެހެންނަމަވެސް އެ ޖަމާއަތާ ގުޅުން ހުރި އެއްވެސް ނެޓްވޯކެއް ނުވަތަ ސާވާއެއް ހެކަރުންގެ އަތްދަށަށް ގޮސްފައި ނުވާ ކަމަށްވެސް ބުނެ އެވެ.

ހެކަރުން ވަގަށް ނެގި ކަމަށް ބުނާ ލިޔުންތަކާ މެދު ނޭޓޯ ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އެއީ "އެމްބީޑީއޭ" -- ޔޫރަޕްގައި މިސައިލް ޑިޒައިންކޮށް އުފައްދާ ކުންފުންޏެއް -- ގެ މިސައިލްތަކާ ގުޅުން ހުރި ލިޔުންތަކަށް ވެދާނެތީ އެވެ.

ނޭޓޯގެ ސިއްރު ލިޔުންތަކެއް ހެކަރުން ވަގަށް ނެގި ގޮތް އެ ޖަމާއަތަށް އެނގިފައި ނެތް ކަމަށް ބުނި ނަމަވެސް، ފްރާންސްގެ ސެކިއުރިޓީ ވެބްސައިޓަކުން ވެސް ވަނީ މިމަހު ކުރީކޮޅު ހެކަރުންގެ މި އަމަލާ ބެހޭ ގޮތުން ވާހަކަދައްކާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހެކަރުންގެ އަތްދަށަށް ގޮސްފައި ހުރި ލިޔުންތަކަކީ ނެޓްވޯކެއް ހެކްކޮށްގެން ހޯދާފައި ހުރި މައުލޫމާތެއް ނޫނެވެ. އެއީ ޔޫއެސްބީ ހާޑް ޑިސްކަކުން ނެގި ލިޔުންތަކެއް ކަމަށް ބުނެވެ އެވެ.

މި ފައިލްތައް ހެކަރުންނަށް ލިބިފައިވަނީ އިޓަލީ ކުންފުންޏަކުން ކަމަށް ވެސް ބުނެވެ އެވެ. އެއީ އެމްބީޑީއޭގެ ގޮތްޕެއް ކަމަށްވެ އެވެ.

ލިޔުންތައް ބެލި ބައެއް މީހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އެމެރިކާގެ ސިއްރު މައުލޫމަތު ވެސް ލިޔުންތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މިސައިލާއި ބައެއް ހަތިޔާރު އުފައްދަން ރާވާފައި އޮތް ގޮތް ކުރެހުންތަކާ އެކު ހުރި ކަމަށްވެސް އެ މީހުން ބުނެ އެވެ.