ދުނިޔެ

ޑެންމާކްގެ ބޮޑުވަޒީރަށް ވެރިރަށް ކޯޕަންހޭގަންގައި ހަމަލާދީފި

ޑެންމާކްގެ ބޮޑުވަޒީރު މެޓާ ފްރެޑްރިކްޝަންއަށް އެ ގައުމުގެ ވެރިރަށް ކޯޕަންހޭގަންގައި، އާންމު އެއްވުމެއްގައި މީހަކު ހަމަލާ ދީފި އެވެ.

ފްރެޑްރިކްޝަންގެ ޖާނަށް ދިން ހަމަލާގައި އަނިޔާތަކެއް ލިބިވަޑައި ނުގަތް ނަމަވެސް އޭނާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފްރެޑްރިކްޝަނަށް ހަމަލާދިނީ ޔޫރަޕިއަން ޕާލަިމެންޓަށް އެ ގައުމުން ކަނޑައަޅާ ކެންޑިޑޭޓަށް ކެމްޕޭން ކުރައްވަން ނިކުމެ އުޅުއްވަނިކޮށެވެ.

ޔޫރަޕިއަން ޕާލިމެންޓަށް މެމްބަރު ހޮވަން ބާއްވާ އިންތިހާބު މި މަހު 6-9 އަށް އޮންނާނެ އެވެ.

މި އިންތިހާބުގައި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ވޯޓުގައި އެ ގައުމެއްގެ ސަރުކާރުގެ ސިޔާސަތު ދަމަހައްޓާނެ އެވެ.

ފްރެޑްރިކްޝަނަށް ދިން ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޯޕަންހޭގަންގެ ފުލުހުން ވަނީ ބުނެފަ އެވެ. އަދި ޑެންމާކުގެ އިދާރާތަކުން ވެސް ވަނީ މީހަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ޑެންމާކުގެ ބޮޑުވަޒީރުގެ ޖާނަށް އަމާޒުކޮށް ހަމަލާއެއް ދިންއިރު މީގެ ދުވަސްތަކެއް ކުރިން ސްލޮވާކިޔާގެ ބޮޑުވަޒީރު ރޮބާޓް ފީކޯއަށް ވެސް ވަނީ މީހަކު ބަޑިން ހަމަލާދީފަ އެވެ.

ރޮބާޓް ފީކޯއަށް ބަޑިން ދިން ހަމަލާގައި އޭނާ ވަނީ ވަރަށް ބޮޑަށް ޒަހަމަވެފަ އެވެ. އަދި ޒަޚަމްތައް ރަނގަޅުކުރަން ދެތިން އޮޕަރޭޝަނެއްވެސް ވަނީ ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮބާޓް ފީކޯގެ ހާލު މިހާރު ރަނގަޅެވެ. އެކަމަކު ކުރީގެ ހާލަތައް ހަށިގަނޑު ރުޖޫއަވުމާ މެދު ޑޮކްޓަރުންގެ މެދުގައި ހިލާފު އޮތް ކަމަށް ހަބަރުތައް ބުނެ އެވެ.

ޑެންމާކުގެ ބޮޑުވަޒީރު ފްރެޑްރިކްޝަނަށް ދިން މި ހަމަލާއާ ގުޅިގެން އޭނާގެ އެކުވެރިންނާއި ވާދަވެރިން ދަނީ މެސެޖު ރައްދުކުރަމުންނެވެ.

ވާދަވެރިން ބުނާ ގޮތުން ސިޔާސީ ގޮތުން ހިޔާލު ތަފާތު ނަމަވެސް ގަޔަށް އަތްލައި ހަމަލާދިނުން ބަލައެއް ނުގަނެވޭނެ އެވެ. އަދި އެކަމަށް ހިތްވަރެއް ވެސް ނުދެވޭނެ އެވެ.