ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން ޕްލެޓްފޯމް މިއަދު ފުންކޮށްފި އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެކަން އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ.
އީޕީއޭގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ބްރިޖު ޕްލެޓްފޯމް ފުންކުރުމާ އެކު ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސާވޭ ކުރުމުގެ މަސައްކަތް ލަސްނުކޮށް އެ އިދާރާ އިން ފަށާނެ ކަމަށެވެ.
"އަޅގަނޑުމެންނަށް ފަރަށް ލިބުނު ގެއްލުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ދެންނެވީ މިދަންނަވާހެއް ދިރާސާކޮށް ނިމުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ބްރިޖު ޕްލެޓްފޯމް ފުންކޮށްފައި މިވަނީ ޕްލެޓްފޯމް ފުން ނުކުރެވި ލަސްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ދެ ދުވަސް ތެރޭގައި އެ ޕްލެޓްފޯމް ފުން ކުރާނެ ކަމަށް ތިލަމާލެ ބްރިޖު ހެދުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ދިން ތާރީހް ހަމަވެ ދިޔަ ފަހުންނެވެ.
ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ.
ބްރިޖު ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ފުއްޓަރުފަރާތު ފަރުގައި ޕްލެޓްފޯމް ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްފަހު އެކުލަވާލާ ރިޕޯޓް ވިލިމާލޭގެ ރައްޔިތުންނާ ހިއްސާކުރުމަށްވެސް ގޮވާލާފައިވެ އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ މިމަހުގެ 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.
ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބްރިޖުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވެ އެވެ.