ތިލަމާލެ ބްރިޖް

ވިލިމާލޭގެ ފަރުމަތީގައި ޕްލެޓްފޯމް އޮތް ތަނުގައި ފުން ވަޅުގަނޑުތަކެއް

Sep 7, 2022

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ޕްލެޓްފޯމް ފަރަށް އަރާފައި އޮތް ސަރަހައްދަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ފީނައިގެން ނަގާފައިވާ ފޮޓޯތަކެއް އީޕީއޭ އިން މިރޭ އާންމުކުރުމާ ގުޅިގެންނެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭގެ ޓީމުން ފެށީ އިއްޔެގެ ވަގުތެއްގަ އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.

އީޕީއޭ އިން ކުރިއަށް ގެންދާ ދިރާސާ ދެ ދުވަހެއްގެ ތެރޭގައި ނިމެނޭ ކަމަށް އެ އެޖެންސީ ލަފާކުރެ އެވެ.

ޕްލެޓްފޯމްގެ މައިގަނޑުގެ ބައިތަކުން ނޫން ކަމަށާއި އޭގެ ފައިތަކުން ކަމަށެވެ. އަދި ފެންނަ ވަޅުގަނޑުތަކަކީ ފައިތަކުން ލިބިފައި ހުރި ގެއްލުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން ޕްލެޓްފޯމް މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.