މ. މަޑުއްވަރީގެ ބަނދަރު ހެދިގެން ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މަޑުއްވަރީ ބަނދަރު ސަރަހައްދުގަ އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ބަނދަރުގެ މައްސަލަ އާއި ރަށް ގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.
މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާ ކަމަށާއި ބަނދަރުގެ ކޮންސެޕްޓް ފައިނަލް ވީހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރު ހެދުމަށް ޕްލޭނިން މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާ ކުރެވި ރައްޔިތުން ނިންމާގޮ ތެއްގެ މަތީން ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.
މަޑުއްވަރީގެ ސިއްހީ ހިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ހިދުމަތްވެސް ވަރަށް އަވަހަށް އަލުން ފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.