ފަޒްނާ އަހުމަދު

އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ބްރާންޗް އިފްތިތާހް ކޮށްދެއްވައިފި

Aug 28, 2022

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރަސްމީ ގޮތުން އިފްތިތާހް ކޮށްދެއްވައިފި އެވެ.

އޭބީޑަބްލިއުސީއައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ.

އޭބީޑަބްލިއުސީއައިގެ ރާއްޖޭގެ ގޮފި އިފްތިތާހްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ ހޮނިހިރު ދުވަހު މެންދުރުފަހު ސޯޝަލް ސެންޓަރުގަ އެވެ.

އޭބީޑަބްލިއުސީއައި އަކީ ބައިނަލްއަޤްވާމީ ގޮތުން އަންހެނުންގެ ޗެމްބާ އޮފް ކޮމާސްގެ ގޮތުގައި ވާޗުއަލްކޮށް ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ.

އޭބީޑަބްލިއުސީއައިގެ މެންބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމިއްޔާ ޖަމާއަތްތަކާއި، ތައުލީމީ މުއައްސަސާތަކާއި، އަންހެނުންނަށް ހާއްކޮށްގެން އިންވެސްޓްކުރާ ކުންފުނިތަކުގެ މެންބަރުން ވެސް ހިމެނެ އެވެ.

އޭބީޑަބްލިއުސީއައިގެ މަގުސަދަކީ ކުރިމަގުގައި އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމުގައި ބޭނުންވާނެ ކަންކަން ދެނެގަތުމާއި، ވިޔަފާރިވެރި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދީ، ދުނިޔޭގެ އިގްތިސޯދުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް އެހީތެރިވެދީ، އެމީހުންނަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތަށްފަހު މެޑަމް ފަޒްނާ ވަނީ ސޯސަލް ސެންޓަރުގައި ކުރިއަށް ދިޔަ އަތްތެރި މަސައްކަތްތެރިކަމުގެ މައުރަޒުގެ ބައެއް މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.