ވާހަކަ

އިޙްސާސްވޭ

( 26 އޯގަސްޓް 2022 އާ ގުޅޭ )

"ދޮންތި، އައި ތިންކް ސަމްތިންގް އިޒް ރޯންގް ވިތް މީ." ރޮމުންރޮމުން މާޔަލް ބުނިއަޑު އިވުނެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރި މައިރާއަށް ތެޅިގަނެވުނީ ހާސްވެގެންނެވެ. ރަޒާގެ ކޮނޑުގައި ޖަހާލުމާއެކު ތެދުވާށޭ މައިރާ އިޝާރާތްކުރިއެވެ.

ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކުރުމުގައި އާމާލް އުޅުނެވެ. އޭނާގެ ގާތުގައި މިރޭ އަތްގާތްކޮށްދޭން މަޒްހަރު އުޅެއެވެ. މަލަކް އައިސް ކާމޭޒުދޮށުގައި އިށީނީ މާޔަލްއަށް ގޮވަން ގޮސްފައި އައިހެވެ.

"ކުޑޫ ނިދާފަ އޮތީ." މަލަކް ބުންޏެވެ.

"މިރޭ ވެސް ނުކައި ނިދީތަ." އާމާލްއަށް ބުނެވުނީ ދަރިފުޅާމެދު ކަންބޮޑުވެފައެވެ.

"ކުޑޫ މާ ބޮޑަށް ޑަޔަޑްވެފަ ހުރީ ކަންނޭނގެ. ދުވާލު އެއްކޮށް އެ އުޅެނީ އޮފީހުގަ." މަލަކް ޚިޔާލު ފާޅުކުރިއެވެ.

"އެހެންވީމައެއްނު ގަޑިންގަޑިއަށް ރަނގަޅަށް ކާންވީ. އޭރުންތާ މަސައްކަތްކުރާނޭ ވަރު ގައިގަ ހުންނާނީ. ހެނދުނު ވެސް އެދަނީ ސައިތަށްޓެއް ނޫނީ ކޮފީތަށްޓެއް ބޯލައިގެން. ނޭނގެ އޮފީހަށް ދާގޮތަށް އެއްޗެއް ކާކަމެއް. އަހާލާއިރަށް ބުނާނެ... މަންމަ ހާސްނުވާށޭ ތިމަންނަ ކައިގެންނޭ ހުންނަނީ... އިރުއޮއްސޭއިރު ނުނިދާށޭ ބުނީމަ މިހާރު ހަދާ ގޮތަކީ އިޝާ ނަމާދުން ފައިބާ ގޮތަށް އެނދަށް އަރަނީ." އާމާލްގެ ޝަކުވާގައި މައިވަންތަ ކުލުނުވިއެވެ.

"އަހަރެމެން ނިދަން ދިއުމުގެ ކުރީން މައްޔު ނަގާފައި ކިރުތަށްޓެއް ވިޔަސް ދޭނީ." މަޒްހަރު ބުންޏެވެ.

"ރޯދަމަސް މަތިން ހަނދާންވީ... ނިދާފަ އިނދެގެން ކުޑޫ ކާ ހަނދާން." މަލަކް ހީނގަތެވެ. އެ ހުނުމުގައި މަޒްހަރު ބައިވެރިވިއެވެ.

ބެލް އަޅާ އަޑާއެކު ކާކުތޯ އައީ ބަލަން ބަދިގޭގައި ހުރި މަޒްހަރު ހިނގައިގަތެވެ. އޭނާ އައިސް ދޮރު ހުޅުވިއިރު ދޮރުމަތީ ތިބީ މައިރާގެ ދެމަފިރިންނެވެ. އަވަހަށް ދަރިފުޅަށް މަރުޙަބާ ކިޔެވެ.

"ޑޭޑް، މާއްކޮ ކޮބާ؟" މައިރާއަށް އަހާލެވުނީ ހާސްވެފައެވެ. އޭނާ ހައިރާންވީ ބައްޕަގެ މޫނުން ގޭތެރޭގައި ކަމެއްވެގެން އުޅޭކަމުގެ އަސަރެއް ފާޅުނުވާން ނެތުމުންނެވެ. މާޔަލްއަށް ކަމެއްވެއްޖެނަމަ އެގޮތަށް ބައްޕަ ހިނިއައިސްފަ ނުހުންނާނެކަން މައިރާއަށް އެނގެއެވެ. ގޭތެރޭގެ މާޙައުލު ވަގުތުން ބަދަލުވާނެކަން ވެސް އެނގެއެވެ.

"އެބައޮތް ނިދާފަ. މައްޔުގެ ޝަކުވާ މަންމަ އެކުރަނީ." މައިރާއާއި ރަޒާ ގޮވައިގެން ބަދިގެ ފަރާތަށް އަންނަމުން މަޒްހަރު ބުނެލިއެވެ.

"މައިރް... އަވަހަށް ދެކުދީން އިށީނދޭ." އާމާލްއަށް ގެއަށް އައި މެހެމާނު ފެނުމާއެކު އުފަލުން ވާހަކަދެއްކިއެވެ.

"އެބަ އަންނަން މާއްކޮ ކައިރިއަށް ވަދެލާފައި." ކާމޭޒުދޮށުގައި އިށީނުމުގެ ބަދަލުގައި މައިރާ ބުންޏެވެ.

"މައިރް ގޮވާލަނިކޮށް މައްޔު ތެދުވެދާނެ. ދޭބަލަ... އޮފީހުން އައިސް އެއްޗެއް ނުވެސް ކައި އެ އޮތީ." އާމާލް ބުންޏެވެ.

މައިރާ އައިސް މާޔަލްގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ކޮޓަރިއަށް ވަނީ އޭގެ ފަހުންނެވެ. އެނދުގައި އޮތް މާޔަލް ފެނުމުން މައިރާ އައިސް ކޮއްކޮގެ ގާތަށް އެނދަށް އެރިއެވެ. މާޔަލްގެ ކޮނޑުގައި ފިރުމާލަމުން ގޮވާލިއެވެ. މައިރާ އަޑު އިވުމުން މާޔަލް ލޯ ހުޅުވާލިއެވެ. މައިރާ އިން ފަރާތަށް މާޔަލް އެނބުރިލިއެވެ.

"ކިހިނެއްވީ؟." މާޔަލް ދެ ލޮލުން ރޮއެފަ ހުރިކަމުގެ އަސަރު މައިރާ ދުށްޓެވެ.

ވާހަކަދެއްކުމުގެ ބަދަލުގައި މައިރާގެ ގައިގާ މާޔަލް ބައްދާލީއެވެ. ކޮއްކޮގެ ބުރަކަށީގައި މައިރާ ފިރުމަންފެށިއެވެ. ކަމެއް ދިމާވީތޯ މައިރާ ސުވާލުކުރިއެވެ. އޮފީހުގެ ކަމެއްތޯ ވެސް އެއްސެވެ. އަދި އިވާންއާ ގުޅުމެއް އޮތްކަމެއްތޯ ވެސް އޭނާ ސުވާލުކުރިއެވެ. މާޔަލް ފެށީ ރޯށެވެ. އިތުރަށް މައިރާ ހާސްވީއެވެ.

"މާއްކޮ ކިޔާދިނީމަ އެންނު ދޮންތިއަށް އެނގޭނީ." މާޔަލްގެ ބޮލުގައި ފިރުމާލަމުން މައިރާ ބުންޏެވެ. މާޔަލް ދުރަށް ޖެހިލުމުން އޭނާގެ ލޯ ކައިރިން ކަރުނައިގެ އަސަރު މައިރާ ފުހެލަދިނެވެ. މާޔަލް ރޮނީ ކީއްވެތޯ އަނެއްކާ ވެސް މައިރާ އަހާލިއެވެ.

ހިތުގައިވާ އުދާސްތައް ދައްތަގެ ކުރިމައްޗަށް ބަންޑުންކޮށްލަން މާޔަލް އިނީ ބޭނުންވެފައެވެ. އެކަމަކު ވާހަކަ ފަށާނީ ކޮންހިސާބަކުން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާއަށް އައިސްގެން އުޅޭ ހުރިހާ ބަދަލެއްގެ ފެށުމަކީ އައިރިކްއޭ ބުނާނެ ގޮތެއް ވެސް ނޭނގެއެވެ.

"މާއްކޮ. ހިނގާ ކާން. ކައިގެން އައިސް ހަމަޖެހިގެން ވާހަކަދައްކާނީ. ދޮންތި ވަރަށް ބަނޑުހައި." މައިރާ ބުނެލިއެވެ. މާޔަލް ވިސްނުމަކަށް ގެއްލި ހިމޭންވެފައި އިންނަން ފެށީމައެވެ. މާޔަލްގެ އަތުގައި ހިފާ ދަމާލަމުން އޭނާއާއެކު ފައިބަން މާޔަލް ގާތުން މައިރާ އެދުނެވެ.

"ކާހިތެއްނެތް." މާޔަލް ބުންޏެވެ.

"ކުޑައެތިކޮޅެއް ކާލާނީ. މިހެން އަންނަ ފަހަރެއްގަ ދޮންތިއަށް ޗާންސެއް ލިބޭނީ އެންމެން އެކީ ކާން އަރަން. ދެން ހިނގާ. ޕްލީޒް." މައިރާ އާދޭސްކޮށްލިއެވެ.

"އެބަ އަންނަން މޫނު ދޮވެލައިގެން." ދެކޮޅު ހަދަން ނުކެރިގެން މާޔަލް ބުންޏެވެ.

މައިރާއާއެކު މާޔަލް ކާމޭޒުދޮށަށް އައެވެ. އެތަނުގައި ދެންތިބި އެންމެންގެ މޫނުތަކުން ހިނިތުންވުން ފާޅުވިއެވެ. މާޔަލްގެ މޫނުގައިވީ އަސަރުތައް ފެނި އާމާލް ގުޅުވީ ނިންޖާއެވެ. ނިދީގެ ވަރުބަލިކަމުގެ ސަބަބުން މާޔަލްގެ ދެ ލޮލަށް ވެރިވެފައި ހުރި ރަތްކަމެއް ކަމަށް އެމީހުން ހީކުރިއެވެ. އެ ހީކުރުން ރަނގަޅުކޮށްދޭން މައިރާ މަސައްކަތެއް ނުކުރިއެވެ. އޭނާއަށް ޔަގީންވަނީ މާޔަލްއަށް ދިމާވެގެން އެ އުޅޭ ކަމެއްގެ ހިލަން ގޭގެ އެހެން މީހަކަށް ވެފައި ނެތްކަމެވެ. ކާން އިންއިރު ދޭތެރެއަކުން މާޔަލްގެ ހަރަކާތްތަކަށް މައިރާއަށް ބެލެއެވެ. ކެއުމާ ގަޔާނުވެ އިނދެ މައިރާ އެދުނީތީ ކުޑަގޮތެއް މާޔަލް ހަދާލީކަން އޭނާއަށް އެނގެއެވެ.

ކޮޓަރީގައި ހުރި ގޮނޑީގައި ދެ ފައި ނަގައި ކުރުކޮށްލައިގެން މާޔަލް އިނެވެ. މައިރާ އެ ކޮޓަރިއަށް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. މާޔަލްއާ ކުރިމަތިވާނޭހެން އެނދުގެ ފައިލާ ކޮޅުގައި މައިރާ އިށީނެވެ. ފަރުވާތެރިކަމާއެކު މާޔަލްއަށް އޭނާ ބަލާލިއެވެ. މާޔަލް ގޮނޑިން ތެދުވެގެން އައިސް މައިރާ ކައިރީ އެނދުގައި އިށީނެވެ.

"އައި އޭމް ސްކެއާޑް." މާޔަލް މަޑުމަޑުން ބުނެލިއެވެ. އިސްޖަހާލައިގެން އިނދެއެވެ. މައިރާ ނިކަން އަވަހަށް ކޮއްކޮގެ އަތުގައި ހިފާލިއެވެ.

"ކޮންކަމަކާ؟." މައިރާ އަހާލިއެވެ.

"ބަދަލުތައް ދެކެ... އަހަންނަށް މިއަންނަ ބަދަލުތައް... ބައެއްފަހަރު ހީވަނީ އަހަރެން ވަރަށް މުހިންމުކަމެއް ހަނދާންނައްތާލައިގެންނޭ މިހުންނަނީ. އެކަމަކު ވިސްނާވިސްނާ ވެސް ނޭނގުނު. ބޮލަށް ތަދުވުން ފަސޭހަނުވަނީ ކީއްވެ. ގެއްލުނު ހަނދާންތައް އަނބުރާ ހޯދަން މަސައްކަތް ނުކުރަންވީ ކީއްވެ؟. އެއީ އަހަރެންގެ ހަޔާތުން ބައެއް. އަހަރެންގެ ހަނދާންތަކެއް. އެ ހަނދާންތައް އިޔާދަނުވެގެން އުޅެނީ ކީއްވެ؟. ލައިފްގެ ފޯކަސް ގެއްލިއްޖެ ކަހަލަ. އައި އޭމް ގެޓިން މޯ ކޮންފިއުޒްޑް." މާޔަލް ވާހަކަދެއްކިއެވެ.

"މާއްކޮގެ ސިކުނޑިއަށް ލިބުނު އިންޖަރީ ފަސޭހަވާން ދުވަސް ނަގާނެ. ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވޭ. ހަނދާންތައް ވެސް އެނބުރި އަންނާނެ. މާއްކޮ ކެތްތެރިވާން ދަސްކުރޭ." މައިރާ ބުންޏެވެ.

"އެ ހަނދާންތައް އެނބުރި އަންނައިރު ވަގުތު ފާއިތުވެއްޖެނަމަ ދެން ކިހިނެއް ހަދާނީ." މާޔަލްގެ ނަޒަރު މައިރާއަށް ހުއްޓާލިއެވެ. ކޮއްކޮގެ އެ ސުވާލަށް ދޭނޭ ޖަވާބެއް މައިރާ އަތަކުނެތެވެ. އެހެންވިޔަސް އޭނާ ހިތްވަރުދިނެވެ.

"އިންޝާﷲ، އެހެންނުވާނެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފަވޭ. އެހެންވީމަ ތިހެން ބުނުން ރަނގަޅެއްނުވާނެ." މައިރާ ބުންޏެވެ.

"ދޮންތި. އަހަރެން... އަހަރެންނަށް ޗީޓު ކުރެވިއްޖެ." މާޔަލް ބުނެލިއެވެ. މައިރާގެ މޫނުން ހައިރާންކަން ފާޅުވިއެވެ.

"ޗީޓު ކުރެވުނީއޭ... އިވާން..." ޤަބޫލުނުކުރެވިފައި އިން ފަދައިން މައިރާއަށް ވާހަކަދެއްކުނެވެ. އޭނާއަށް ބަލަން އިން މާޔަލް ބޯޖަހާލިއެވެ. އޭނާ އިވާނަށް ބޭފަވާތެރިވެއްޖެކަން ދައްތައަށް ޔަގީންކޮށްދޭ ފަދައިންނެވެ.

"ކިހިނެއްވީކަމެއް؟. ކާކު... އިވާންއަށް އެނގުނީތަ؟. އެހެންވެތަ މިހާރު ނާންނަނީ. އެކަމަކު ކައިވެނި ހަމަޖެހިފަ އޮއްވާ." މައިރާ އަޖައިބުވެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ދޮންތީ. އަހަންނަށް ވެސް އެނގޭ އެއީ ކޮށްގެންވާނޭ ކަމެއްނޫންކަން. އެކަމަކު... އަހަރެން... ދޮންތިއަށް އެނގޭތަ!... ދޮގުނުހަދާ ބުނާނަމަ، އެކަމާ އަހަރެން ދެރައެއްނުވޭ. ކީއްވެތަ އެއީ؟... އަހަރެން މިކުރީ ކިހާ ކަޑަކަމެއް. އެވެސް ކައިވެނި ކުރާން މިހާ ކައިރިވެފަ އޮއްވާ. އިވާންގެ ކުށެއްނެތި. މިހާ ދުވަހު އޭނާއާ ރައްޓެހިވެގެން އުޅެފަ، އޭނާގެ ލޯތްބަށް އިޚްތިރާމެއް ނުކުރެވުނު. އަހަރެން މީ ކޮންކަހަލަ މީހެއް. އެންމެ ކުޑަމިނުން ކުރެވުނު ކަންތަކާ ދެރަވާން ޖެހޭނެއެއްނު. ކީއްވެ އެހެން ފީލްނުވާންވީ. އެ ގިލްޓީ ފީލިންގްސް އަހަރެންގެ ނެތީ ސިކުނޑީގަ އުނިކަމެއް ހުރީމަތަ." މާޔަލްގެ ލޮލުން ކަރުނަ ފާޅުވިއެވެ.

"މާއްކޮ... ކާކުތަ އެއީ. ކީއްކޮށްގެން ތިއުޅެނީ... ޑިޑް ޔޫ ހޭވް ސެކްސް ވިތް އަނަދާ މޭން." މައިރާ އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާގެ ކޮއްކޮ އެ ދައްކަނީ ޤަބޫލުކުރާން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ފިރިހެނެއް ކޮށްލާ އިޝާރާތަކަށް މާޔަލް ބެހިގެން ނުދާނެކަމުގެ ޔަގީންކަން މައިރާއަށް އެބައޮތެވެ.

"އެ ހިސާބަކަށް ނުދޭ. އެކަމަކު އަހަންނަށް މިހާރު އެއްވެސް ޔަގީންކަމެއްނެތް. އުނިކަމެއް ހުރީ އަހަރެންގެ." މާޔަލް ކުށްވެރިކުރީ އަމިއްލަ ނަފްސެވެ.

"މާއްކޮ އިވާންއާ މެރީ ކުރަން ބޭނުންނޫނީތަ." މައިރާ އަހާލިއެވެ.

"ނޭނގެ... އިވާންއާ މެރީ ނުކުރަންވީ ސަބަބެއް ވެސް ނެތް. އޭނާއާ މެދު ދައްކާނޭ އުޒުރެއްނެތް. އިވާން ވަރަށް ލޯބިވޭ. ވަރަށް ކެއާ ކުރޭ. އޭނާ ކަމުނުދާނަމަ އަހަންނަށް ވެސް މިހާ ދުވަހު އޭނާއާއެކު ނޫޅެވޭނެ. އެންމެންނަށް ވެސް ފެނެއެއްނު އިވާން އަހަންނާ ހެދި އުޅޭ ގޮތް. ކައިވެނި ނުކުރުމަށްވުރެ ކުރުމޭ ރަނގަޅުވާނީ ހީވަނީ އެހެންވެ." މާޔަލް ބުންޏެވެ.

"އިވާންގެ ވާހަކައެއްނޫން. މާއްކޮ ބުނެބަލަ... ތި ހިތް ކިހިނެއް ދެކެނީ. އިވާން ލޯބިވާވަރަށް މާއްކޮ އޭނާދެކެ ލޯބިވޭތަ؟. ނޫނީ އިވާން ލޯބިވާތީވެ، އޭނާ ކެއާ ކުރާތީތަ އިންނަން ތިއުޅެނީ. މާއްކޮގެ އިޙްސާސްތަކަށް އޭރުންވާނީ ކިހިނެއް؟. ތި ކައިވެނި ކުރެވުނަސް މާއްކޮ އިންނާނީ އުފަލުންނެއްނޫން. ހަގީގީ ހިތްހަމަޖެހުމެއް ނުލިބޭނެ. އަދި ވަގުތު އެބައޮތް. ދޮންތިއަށް އެނގެނީ މާއްކޮ ލައިން ކްރޮސް ނުކުރާނެކަން ކޮންމެ މީހަކާއެކީ. އެކަން އެގޮތައް ވެއްޖެނަމަ މާއްކޮއަށް އެނގޭނެ އެއީ ކީއްވެކަން. އެއީ ހެދުނު މިސްޓޭކެއްނަމަ ވެސް މާއްކޮއަށް އެނގޭނެ. އެކަމަކު މާއްކޮ ތިބުނަނީ އެހެން ފީލްއެއް ނުކުރެވެޔޭ. ކުރެވުނު ކަންތަކާ ރިގްރެޓެއް ނުވެޔޭ. ކޮބާ އޭގެ މާނައަކީ؟. މާއްކޮ ތިބުނާ މީހަކުދެކެ އިވާންއަށްވުރެ ބޮޑަށް ލައިކްވަނީތަ؟. ދޮންތިއަށް ވިސްނުނީ އެހެން." މައިރާއަށް ވިސްނުނު ގޮތް ހާމަކުރިއެވެ.

"އައި އޭމް ކޮންފިއުޒްޑް... ނޮޓް ޝުއާ އޮފް އެނީތިންގް." މާޔަލް މޫނުގައި ދެއަތް އަޅައި ފޮރުވާލިއެވެ.

"ކީއްވެތަ އެއީ ކާކުކަން ދޮންތި ކައިރީ ނުބުނަން ތިއުޅެނީ." މައިރާ ވެސް އިނީ ކެތްތެރިކަން ކުޑަވެފައެވެ. މާޔަލް އިން ފަހަނައަޅައި ދާން މެދުވެރިއަކަށް ވީ ކާކުކަން އެނގެން އޭނާ ބޭނުމެވެ.

މާޔަލް ހަނދާންނެތުމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އެކަމުން އަސަރުތަކެއް ކުރާކަން މައިރާއަށް އެނގުނީ އަދިކިރިޔާއެވެ. އާންމު ދިރިއުޅުމަށް ރުޖޫޢަވާން މާޔަލް މަސައްކަތް ކުރިޔަސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ. ގެއްލިފައިވާ ހަނދާންތަކާމެދު މާޔަލް އެހާ ފިކުރު ބޮޑުވާނޭ މައިރާ ހިތަށް ވެސް ނާރައެވެ. ހަމައެއާއެކު މާޔަލްގެ އުޅުމަށް ވެސް އޭނާ ހީނުކުރާހާ ބަދަލު އަތުވެއްޖެއެވެ. މާޔަލް ރޮނީ ހަޔާތުގެ އޮޅުންބޮޅުންގަނޑުގެ ތެރެއިން ނުކުންނާނޭ ގޮތެއް އޭނާއަށް ނޭނގޭތީއެވެ. އޭނާ ގޮތެއް ނިންމަން ބިރުގަންނަނީއެވެ. ހުރިހާ ޝުޢޫރެއް ފާޅުކުރާން ބޭނުންވިޔަސް އެކަން އޭނާއަކަށް ނުވިއެވެ. ޚުދު މައިރާއަށް ވެސް އެނގޭ ކަމަކީ މާޔަލް ހާމައެކުރީ ހަޤީޤަތުގެ އެއްބައިކަމެވެ.

* * * * *

އެއް ހަފްތާ ފާއިތުވީއިރު މަލަކް ދެ ރެއިން އެއްރޭ ކަހަލަ ގޮތަކަށް މިއުވާންއާ ބައްދަލުކުރެއެވެ. އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން އޮޅުން ފިލުވިއެވެ. ކުރީން މަލަކްއަށް ހީވެފައި އޮތީ މިއުވާނަކީ އަމިއްލަ ވިޔަފާރި ކުރާ ޒުވާނެއްކަމެވެ. ނަމަވެސް މިއުވާނާ ސުވާލުކުރުމުން އޭނާއަކީ އޮފީހެއްގައި މަސައްކަތް ކުރާ ޒުވާނެއްކަން އެނގުނެވެ. ތަންކޮޅެއް ކުރީން އޭނާ ގެސްޓްހައުސް ވިޔަފާރި ކުރިކަން ބުންޏެވެ. ފައިދާ ނުވާން ފެށީމައި ރައްޓެއްސަކަށް ވިއްކާލީކަމުގައި މިއުވާނު ކިޔާދިނެވެ. މިވަގުތު އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ޝައުގުނެތީކަން މިއުވާން ހާމަކުރިއެވެ. އޭނާގެ ވާހަކަތަކާއި ހަރަކާތްތަކުގައި ފޮނި ގޮތެއް ހުރިއިރު އޭނާގެ ލޮލުގައިވާ އަސަރުތަކުން އިތުބާރުކުރަން މަލަކްއަށް ފަސޭހައެއް ނުވިއެވެ. އެ ލޮލުގައިވާ އެއްޗެއް މީހަކު ދެނެގެންފާނެތީ ނުފެންނަ ފަރުދާއެއް ދަމާލެވިފައިވާހެން މަލަކްއަށް ހީވަނީއެވެ.

"ޔާނުއާ ރައްޓެހިވެއްޖެއްޔާ މާނުއާ އޮތް ގުޅުން ކަނޑާލަން ޖެހޭނެތަ. ދެ މީހުންގެ ނަން ވެސް ހާދަ އެއްގޮތޭ." ބެލްކަނީގެ ފާރުބުރީގައި ދެއަތް އަޅުވާލައިގެން ހުރި މަލަކްގެ ހިތަށް އެރިއެވެ.

މަލަކްގެ ހިތުން ޖާގަ ހޯދީ ދައްޔާނެވެ. އެކަމަކު އޭނާ އަދި އެކަން ހާމައެއް ނުކުރެއެވެ. ދައްޔާންއާ ބައްދަލުނުވެ ދުވަސްތަކެއް ދިޔަ ނަމަވެސް ދެ މީހުން ބަރާބަރަށް ފޯނުން ވާހަކަދައްކައެވެ. އޭނާ މަޑުކުރަމުން އައީ އެއް ހަފްތާ ނިމޭންދެނެއެވެ. އެއަށްފަހު ދައްޔާނުއާ ބައްދަލުކޮށް އޭނާގެ ނިންމުން އިއްވާނެއެވެ. މިފަހަރު މަލަކް ބޭނުމީ ސީރިއަސް ގުޅުމެކެވެ. މިހާރު ދައްޔާނަށް އައިސްފަ ހުރި ބަދަލުން އެ ދެމެދުގައި އެފަދަ ގުޅުމަކަށް ފުރުޞަތު އެބައޮތެވެ.

* * * * *

އިވާންއާ ވާހަކަދައްކާފައި މާޔަލް ފޯނު ކަންފަތާ ދުރުކޮށްލީ ކޯލު ނިމުނީމައެވެ. މާޔަލް ބަލިވި އުޅޭ ކަމުގެ އުޒުރު ދައްކާފައި މިއަދު ވަޒީފާއަކަށް ނުނިކުމެވެ. އޭނާ އެކަން އެންގީ އައިތަންއަށެވެ. އައިރިކްއާ ހަމައަށް އެ ޚަބަރު ދިއުމާއެކު އޭނާ މާޔަލްއަށް ގުޅަންފެށިއެވެ. ނަމަވެސް މާޔަލް ފޯނުކޯލަށް ޖަވާބެއް ދޭން ބޭނުންނުވީ އައިރިކްގެ އަޑު އިވުމުން އޭނާއަށް އަނެއްކާވެސް ގޯސް ނިންމުމެއް ނިންމިދާނޭ ހީވާ ވަރުންނެވެ. އެހެންވިޔަސް މުޅި ދުވަހު އޭނާގެ ޚިޔާލުގައިވީ އައިރިކްއެވެ. ކުއްލިއަކަށް އައިރިކްގެ ނަންބަރަށް މާޔަލް ގުޅިއެވެ.

"ހެލޯ..." ފުރަތަމަ ރިންގުން އައިރިކް ފޯނުކޯލަށް ޖަވާބު ދިނެވެ. ހީވީ މާޔަލްގެ އިންތިޒާރުގައި އޭނާ ހުރީ ހެންނެވެ. އައިރިކްގެ އަޑު ޖެހުމުން މާޔަލް ފަސްޖެހުނެވެ. އެހިނދު މާޔާއޭ އައިރިކް ގޮވާލިއެވެ.

"މީޓުވެދާނެތަ." މާޔަލް ބުނެލިއެވެ.

(ނުނިމޭ)