އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ 80 ޕަސެންޓް ނިމިއްޖެ: އޭސީސީ

Jan 11, 2016
  • ސުވާލުކުރަން ޖެހޭ އެންމެންނާ ސުވާލުކޮށްފި
  • ރިޕޯޓް އާންމުކުރުން ދެން ލަހެއް ނުވާނެ
  • މައްސަލައިގެ އެންމެ ފުނަށް ދެވި، ގިނަ ކަންކަން ހާމަވާނެ

ރާއްޖެ ޕްރޮމޯޓް ކުރުމަށް އުފެއްދި، އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގުގެ 80 ޕަސެންޓް މިހާތަނަށް ނިންމާލެވިއްޖެ ކަމަށް އޭސީސީ އިން މިއަދު ބުނެފި އެވެ.

ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ހިމެނޭ ކަމަށް ބެލެވޭ އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ތަހުގީގު ވަރަށް އިސްކަމެއް ދީގެން ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށާއި މިހާރު ކުރިއަށް ދަނީ ތަހުގީގު އެއް ކޮށް ނިންމާލުމުގެ މަރުހަލާ ކަމަށެވެ. އަދި އެ މައްސަަލައިގައި ސުވާލު ކުރަން ޖެހޭ ހުރިހާ ފަރާތްތަކާ ކޮމިޝަނުން ސުވާލުކޮށް ބޭންކްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން ހޯދަން ޖެހޭ ހުރި މައުލޫމާތުތަކެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ތަހުގީގު ނިންމާލައި އާންމުކޮށްލަން ދެން މާ ގިނަ ދުވަހެއް ނެތް. އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް މި ތަހުގީގު ނިންމާލަން އަޅުގަނޑުމެން އަމާޒު ހިފާފައި މި އޮތީ. ގާތްގަނޑަކަށް 80 ޕަސެންޓް ތަހުގީގުގެ ފުރިހަމަ ކޮށްލެވިއްޖެ. ކޮމިޝަންގެ ވަސީލަތްތައް ހުރި ގޮތުން އެންމެ ފުރިހަމަ ތަހުގީގަކަށް އަޅުގަނޑުމެންގެ މި މަސައްކަތް ވާނެ،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ އާ ގުޅޭ ގޮތުން ފުލުހުން ހާއްސަ ތަހުގީގެއް ހިންގާތީ އާއި އޮޑިޓާ ޖެނެރަލް މުޅި ކުންފުނީގެ އޮޑިޓެއް ކުރާތީ އޭސީސީގެ ތަހުގީގު ގެންދަނީ އެ މުއައްސަސާތަކާ ވެސް ގުޅިގެން އެބޭފުޅުންގެ މަޝްވަރާ ވެސް ހޯދައިގެން ކަމަށެވެ. މުއައްވިޒު ވިދާޅުވީ އޭސީސީގެ ތަހުގީގުގައި ބަލާނީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި އެކަމުގައި ޒިންމާވާ ފަރާތްތަކަކީ ކޮބައިތޯ އެވެ. އަދި މިފަދަ ބޮޑު ހިޔާނާތެއް ހިނގަން މެދުވެރިވި ސަބަބާއި އެކަންތައް ހިންގާފައިވާ ގޮތާއި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ނުކުރެވޭނެ ގޮތަށް ކަންކަން އިސްލާހު ކުރަން ކުންފުންޏަށް ދޭނެ ލަފާތައް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނީ ނިޒާމަށް މިފަހުން އައި ބަދަލުތަކަށް ވެސް ބަލައިގެން ތަހުގީގު ކުރިއަށް މި ގެންދަނީ. މިސާލަކަށް އާ ގާނޫނުލް އުގޫބާތެއް އޮތީ މިހާރު. އެއަށް ބަލައިގެން އަޅުގަނޑުމެންގެ ތަހުގީގުތައް ކުރިއަށް މި ގެންދަނީ،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގުން އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި މުއާމަލާތްތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި އެ ތަހުގީގުގެ ސަބަބުން އާންމުންނަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ހާމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީ އިން ބުނެފައި ވަނީ މިއީ އެ ކޮމިޝަންގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު އަދި އުނދަގޫ ތަހުގީގު ކަމަށެވެ. އަދި އެ ތަހުގީގުގައި ނުވަ އިންވެސްޓިގޭޓަރަކު ބައިވެރިވެ އެވެ. އެ ތަހުގީގު އެހާ ބޮޑު ވަނީ އޭސީސީ އިން ބުނެފައިވާ ގޮތުގައި އޭގައި ހިމެނޭ ފައިސާގެ މުއާމަލާތްތައް ގިނަ ކަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް 100 މިލިއަން ޑޮލަރަށް އަރާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެ ކުންފުނިން އެމްޑީ އަބްދުﷲ ޒިޔަތު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ، ހާމިދު އިސްމާއިލް ހާމިދު ސޭޓްގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައިވެ އެވެ.އަދީބުގެ ތަހުގީގުގައި ވެސް އެކަމާ ގުޅޭ ގޮތުން އަންނަނީ ސުވާލު ކުރަމުންނެވެ. އެ ކުންފުނީގެ ތެރެއިން މަނީ ލޯންޑްރިން އާއި ނާޖާއިޒު ގޮތުގައި އެކި އަމިއްލަ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ރޭ ޕީޖީގެ އޮފީހުން ވަނީ ބުނެފަ އެވެ.