- ގާދޫގެ އާބާދީއަކީ 170 މީހުން
- 23 އާއިލާއަކަށް އަދި ގެ މަދު
- ގާދޫ މީހުންނަށް ސަރުކާރުން ބޮޑެތި އިނާޔަތްތަކެއް
ލ. ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލުވުމާ މެދު ތިބީ ހިތްހަމަ ޖެހިގެން ކަމަށާއި ރަށު ރައްޔިތުންގެ ކަނބޮޑުވުންތައް މިހާރު ހައްލުވެއްޖެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ފޮނަދޫގައި ހައުސިން ޔުނިޓްތަކެއް އެޅި ނަމަވެސް އެކި ކަންކަމުގައި އެރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ގާދޫގައި 170 މީހުން އުޅޭ އިރު، 108 ގެއެއްގައި މީހުން ދިރިއުޅެވެ. ނަމަވެސް ފޮނަދޫގައި 85 ގެ އަޅާފައި ހުރުމުން ގާދޫ ރައްޔިތުން ވަނީ އެކަމާ ކަނބޮޑުވުން ފާޅުކޮށްފަ އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގާދޫ ރައްޔިތުން ފޮނަދޫ އަށް ބަދަލު ކުރުމަށް މިނިސްޓަރީ އިން ކުރަމުން އައި މަސައްކަތުގެ ތެރެއިން ފުރަތަމަ އެކަމަށް ހެދި ސާވޭއާ މިހާރު މީހުން ދިރިއުޅޭ އަދަދު ދިމާ ނުވުމުގެ ސަބަބުން ގޯތި އެޅި އިރު 23 ގެ މަދުން އެޅިފައި ހުރި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެ 23 އާއިލާއަށް އަހަރެއް ތެރޭގައި ގެ އަޅާދޭނެ ކަމަށާއި އަދި މިހާރު އާއިލާތަށް ދިރި އުޅޭނެ ގެތައް ހިފައިދީ ކުލި ދައްކާދިނުމަށް ހަމަޖައްސައި ލިޔުމެއް ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ އެރަށަށް ގޮސް ހެދި ސާވޭ އިން ދައްކާގޮތުގައި 84 އާއިލާ ތިބީ. އެހެންވީމަ 85 ގެތާ އަޅާނީ. ދެން ފަހުން އެދިޔަ ގޯތި ބައި ކުރުމާއި ޝަރުއީ ކަންތައްތަކުގެ ތެރެއިން އެހުރީ ގޯތި އިތުރު ވެފަ 108 އަކަށް. އެކަމް މައްސަލަ އެއް ނޫން އެއީ. އެމީހުން ފޮނަދޫގައި ދިރި އުޅޭނެ ގެތަކަށް ކުލީގެ ލާރި ސަރުކާރުން ދައްކާގޮތަށް އޮތީ ހަމަޖެހިފަ. އަދި އަހަރެއް ތެރޭގައި އަމިއްލަ ގެތަކަށް ދެވޭގޮތަށް. އެގޮތުގެ މަތިން ރައްޔިތުން ތިބީ ހަމަ ވަރަށް ހިން ހަމަޖެހިފަ،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ގާދޫގައި ފަޅު ގޯއްޗެއް އޮތް ފަރާތްތަކަށް ފޮނަދޫ އިން ވެސް ފަޅު ގޯއްޗެއް ދޭން ހަމަޖެހިފައިވާ ކަމަށާއި އަދި ފަޅު ގޯތީގައި ވަށާފާރެއް ނުވަތަ ވަޅެއް ހުރި ކޮންމެ ފަރާތަކަށް އޭގެ ބަދަލަށް 10،000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގާދޫ އިން ބަދަލުވާ ހުރިހާ އާއިލާ އަކަށް ހިފާ ގެންގުޅޭ ތަކެތި ގަތުމަށް 60،000 ރުފިޔާ ވެސް ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް އެތަށް އަހަރަކު ދިރިއުޅެފައި ހުރި ތަން ދޫކުރަންވީމަ ދަތިތަކެއް ހުންނާނެ. އެކަމަކު ކޮންމެ ބޭފުޅެއް ވެސް އެބަ ގަބޫލު ކުރޭ ކުދިންގެ މުސްތަގުބަލަށް ޓަކައި ރަނގަޅު ރަށަކަށް ބަދަލު ވާން ޖެހޭކަމަށް. އެހެންވެ މިހާރު މައްސަލައެއް ނެތް އެފަރާތްތަކުގެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގާދޫ ރައްޔިތުން ފޮނަދޫ އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީގެ މުވައްޒިފުން މިހާރު ވަނީ އެރަށަށް ގޮއްސަ އެވެ. އަދި ފޮނަދޫގައި ސަރުކާރުން އަޅާފައިވާ ގެތަކުގެ އެގްރީމެންޓްގައި ގާދޫ ރައްޔިތުން ސޮއިކޮށް ވެރިފަރާތްތަކަށް ގެތަށް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. އެމިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ގާދޫ ރައްޔިތުން ފޮނަދޫ އަށް ބަދަލު ކުރުމުގެ މަސައްކަތް އަމަލީ ގޮތުނަ ފަށާނެ އެވެ.