އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރި ނަމަވެސް އެ މައްސަލަ ބައްލަވާ، އެ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ގައި ހުންނެވުމުން އަޑުއެހުން ކެންސަލް ވެއްޖެ އެވެ.
އެ ޝަރީއަތް ބާއްވަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:30ގަ އެވެ. އެހެން ނަމަވެސް ޝަރިއަތުގެ އަޑުއެހުމަށް ދިޔުމުން ކޯޓުން ބުނީ، މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން އަޑުއެހުން ކެންސަލްވީ ކަމަށެވެ. އެ މައްސަލަ ބައްލަވަނީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ. އިސްގާޒީ ޗުއްޓީ ނިންމަވާފައި ނިކުންނަވާނީ މި ހަފްތާ ތެރޭގައި ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ޒިޔަތުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސްކޮށެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ދައުވާ އިއްވުމާ އެކު ޒިޔަތު ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. ޒިޔަތުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ބިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ އެކެވެ.
އެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދިފައި ވަނީ ޒިޔަތު ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށެވެ. އަދި ޝަރިއަތް ނިމެންދެން ޒިޔަތު ޖަލުގައި ބަންދު ކުރުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ.
މިއަދު ކެންސަލުކުރި އަޑުއެހުން ދެން ބާއްވާނެ ދުވަހެއް ނިންމާނީ އިސް ގާޒީ ކޯޓަށް ނިކުމެވަޑަިގަތުމުންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ ދައުވާ އުފުލާފައެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ މީގެ ކުރިން ބާއްވައިފަ އެވެ. އަދީބު ދޫނިދޫގައި ބަހައްޓައިގެން ކުރިއަށް ގެންދިޔަ އެ ޝަރީއަތުގައި، ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ވަނީ އެއް މަސްދުވަހުގެ ފުރުސަތު ދީފަ އެވެ. އަދި ދެން އޮންނަ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އަދީބު މާލެ ގެނެސްގެން ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައިވެ އެވެ.