އަބްދުﷲ ޒިޔަތު

ހުކުމަށް ފަހު ޒިޔަތު ހުރީ ޖަލުގައި

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް، ކްރިމިނަލް ކޯޓުން އިއްވުމާ ގުޅިގެން ހުކުމް ތަންފީޒު ކުރަން ޖަލަށް ބަދަލު ކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 32 ދައުވާ އަށް އެއްބަސްވުމުން ދައުލަތުން އެދުނީ 11 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައި ދިނުމަށެވެ. އޭނާ ވަނީ ދައުލަތާއެކު އަދަބު ލުއި ދިނުމުގެ އެއްބަސްވުމެއް ހަދައި، ހުރިހާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއި ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް އެއްބާރުލުންދޭންވެސް އެއްބަސްވެފަ އެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ 32 ދައުވާގައި ބުނެފައިވަނީ އޭނާ 781 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭ ކަމަަށް ޒިޔަތުވަނީ ޝަރީއަތުގައި ވިދާޅުވެފައި އެވެ. ދައުލަތުން އެދުނު ގޮތަށް ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ހަމައަށްވެސް އޭނާ ހުރީ ގޭގައެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. އަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު އެންމެ ބޮޑަށް އޮތް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހުުކުމް އިއްވިއިރުވެސް އަދި އޭގެ ފަހުންވެސް އަދީބު ހުންނެވީ ގޭގައެވެ. އަދީބުވެސް ވަނީ ދައުލަތާއެކު އެއްބަސްވުން ހަދާފައެވެ.

ބޮޑެތި ޖަލު ހުކުމްތައް އިއްވުމުންވެސް ބައެއް ބޭފުޅުން ގޭގައި ބައިތިއްބާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ކަރެކްޝަންގެ މީޑިއާ އޮފިސަރަކު މިއަދު އަވަސްއަށް ވިދާޅުވީ ހުކުމް އިއްވުމާއެކު ޒިޔަތު ގެންދިޔައީ ޖަލަށް ކަމަށެވެ. އަދި މާފުށީ ޖަލުގައި ޒިޔަތުގެ ހުކުމް ތަންފީޒު ކުރަމުން ގެންދާ ކަމަށެވެ.

ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ ޒިޔަތު ގެންދަވަނީ އަށް އަހަރުގެ އިތުރު ޖަލު ހުކުމެއްވެސް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.