އިނގިރޭސިވިލާތުގެ ހަކަތަ މާކެޓަށް ލޮޅުންއަރައިގެން އުޅެނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހޮބީއަކަށް ފައްޓަވައިގެން އުޅުއްވާ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ކަމަށް އިނގިރޭސި ވަގުތީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި ތަކެތީގެ އަގު އުފުލި އާންމު ރައްޔިތުންގެ ދިރިއުޅުން ތަކުލީފަކަށް ހެއްދެވީވެސް ޕޫޓިން ކަމަށެވެ.
އިނިގިރޭސި ގޭބިސީތަކުގެ ކަރަންޓް ބިލު ބޮޑުވުމަކީ ވެސް ޕޫޓިންގެ ސަބަބުން ވެގެން އުޅޭ ކަމެއް ކަމަށް ވެސް ޖޯންސަން ވިދާޅުވި އެވެ.
ތެލުގެ އަގު އުފުލެމުންދާހާ ހިނދަކު ކަރަންޓް އަގުހެޔޮކުރަން ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތްކަން ދެއްކެވުމަށް ވެސް ވަގުތީ ބޮޑުވަޒީރު ވާހަކަތަކެއް ދެއްކެވި އެވެ.
ޖޯންސަން ދެކެވަޑައިގަންނަވާ ގޮތުގައި ޕޫޓިން ކުރައްވަނީ ޖެއްސުމެވެ. ފިނި މޫސުން ލައިގަތުމުން އިނގިރޭސިވިލާތަށާއި ޔޫރަޕަށް ތަކުލީފުތައް ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޯންސަން ވިދާޅުވި ގޮތުގައި ޕޫޓިން އުއްމީދު ކުރައްވަނީ ގަދަ ފިންޏަށް ކެތްނުކުރެވިގެން ސިޔާސީ ލީޑަރުން ޕޫޓިންއަށް އާދޭސް ދަންނަވާނެ ކަމަށެވެ. އަދި ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށް ކަމަށެވެ.
ބޮރިސް ޖޯންސަން ވަނީ އިނގިރޭސި ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ޖޯންސަން މިހާރު ހުންނެވީ ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި، ބޮޑުވަޒީރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެހެންދެންނެވެ.
ޖޯންސަން ޑެއިލީ މެއިލްއަށް ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސި އާ ސަރުކާރުން ރައްޔިތުންނަށް ލުއި ގޮތްތަކެއް ހަދައިދޭނެ އެވެ. އަދި ބިލުތައް ދެއްކުމަށް ޓެކްސް ފައިސާއިން ހޭދަކުރާނެ އެވެ.
ޔުކްރޭން ހަނގުރާމަ ހިނގަމުންދާހާ ހިނދަކު އިނގިރޭސި ސަރުކާރުން އާންމު ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށް ޖޯންސަން ވިދާޅުވި އެވެ.