ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބޭނުންކުރެއްވުމަށް އަގު ބޮޑު ކާރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ ބޭނުންކުރެއްވުމަށް ހަތް މިލިއަން ރުފިޔާގެ ދެ ކާރު ގެނައުމުގެ މަސައްކަތް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ކުރަމުންދާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން އާންމުކުރި ހަބަރުތަކަކާ ގުޅިގެންނެވެ.
މިމައުލޫމާތު ހާމަކުރި ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ސޯލިހާއި މެޑަމް ފަޒްނާ ބޭނުންކުރެއްވުމަށް ހޯދަނީ އެންމެ އަގު ބޮޑު ވައްތަރުގެ މާސިޑީޒް ބެންޒް ކާރުތަކެކެވެ.
ކާރު ގެނައުމަށްޓަކައި ތިން ތަނަކުން ކޯޓޭޝަން ހޯދައި ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދިފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ކާރު ގަންނަން ކޯޓޭޝަން ހޯދި ކުންފުނިތަކުގެ ތެރެއިން ސްރީލަންކާގެ ކުންފުނިން ހުށަހެޅި ކޯޓޭޝަންގައިވާ އަގަކީ 5.7 މިލިއަން ރުފިޔާ ކަމާއި، ޔޫއޭއީގެ ކުންފުނިން ހުށަހަޅާ އަގަކީ 6.2 މިލިއަން ރުފިޔާ ކަމާއި އަދި ޖަރުމަންގެ ކުންފުންޏަކުން ހުށަހަޅާ އަގަކީ 7.4 މިލިއަން ރުފިޔާ ކަމަށްވެސް ކާރުގެ ހަބަރު ރިޕޯޓް ކުރި ނޫސްތަކުގައި ބުނެފައިވެ އެވެ. އަދި ރައީސްގެ ދެކަނބަލުންނަށް ކާރު ގަތުމަށް ނިންމާފައިވަނީ އެންމެ ބޮޑު އަގު ހުށަހެޅި ޖަރުމަން ކުންފުނިން ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ދެކަނބަލުން ބޭނުންކުރެއްވުމަށް ކާރުތަކެއް ގަތުމަށް ސަރުކާރުން އެއްވެސް މަސައްކަތް ނުކުރާ ކަމަށެވެ.
"ބައެއް ނޫސްތަކުގައި ރިޕޯޓް ކުރަމުން އެދާ ހަބަރުތަކަކީ އެންމެ ރަނގަޅު މައުލޫމާތުގެ މައްޗަށް ގެނެސްދޭ ހަބަރުތަކެއް ނޫން. އެކަން ދޮގުކުރަން،" މިއުވާން ވިދާޅުވި އެވެ.
އެކަމަކު މިއުވާން ވިދާޅުވީ ކާރެއްގެ އަގު ސަރުކާރުން ބެލި ކަމަށެވެ. އެކަން ކުރީ މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކުލަވާލި ރިޕޯޓްގައި ސަރުކާރަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމުގައި ވިދާޅުވި އެވެ.
"މަޖިލީހުގެ 241 ކޮމިޓީގެ މިދެންނެވި ރިޕޯޓްގައި ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ހިމަނާފައި. އޭގެތެރެއިން އެއްކަމެއް އެއީ ދައުލަތުގެ އެންމެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށް ވުރެ ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އެޅުން. އެކަމުގެ ތެރެއިން ކުރެވޭ ކަމެއްގެ ގޮތުގައި ކާރެއްގެ އަގު ބެލީ،" މިއުވާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކާރެއްގެ އަގު ބެލީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމަނިކުފާނު ބޭނުންކުރެއްވުމަށް ކަމަށެވެ.
"އިތުރު ކާރުތަކެއް މިވަގުތަށް ހޯދާކަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ،" މިއުވާން ވިދާޅުވި އެވެ.