މޫސުން

ކަނޑުދަތުރު ކުުރުމުގައި ސަމާލުވާން އެދިއްޖެ

Aug 29, 2022

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ދަތުރުކުރުމުގައި ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފި އެވެ.

މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.

ފުލުހުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ތިމާއާ އި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ އާއި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީން ކުރުމަށާއި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.