ބަނގުރާ ބޯކަމަށް އިއުތިރާފުވި މީހަކު ޖަލްދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިމައްސަލައިގައި ގާޒީ އަލީ ނަދީމު މިމަހުގެ 25 ވަނަ ދުވަހު ހުކުމް ކުރައްވާފައިވަނީ ތ. ކިނބިދޫ، ދީފްރަމުގެ، ޔޫނުސް ރަޝާދުގެ މައްޗަށެެވެ.
ދައުލަތުން ޔޫނުސްގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ.
މިދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގު, ކަސްޓޯޑިއަލްއާ ދިމާ ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ތިބި ދެ މީހަކު މާލެއަށް ބަނގުރާ އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް ޔޫނުސްއާ ސުވާލުކުރުމުން އޭނާ އަކީ ދޭތެރެދޭތެރެއިން ބަނގުރާ ބޭނުންކުރާ މީހެއް ކަމަށް ބުނެ ތަހުގީގުގައި އިއުތިރާފްވެފައިވާތީ އެވެ.
ތަހުގީގުގައިވީ އިއުތިރާފް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އާއި އަވަސް ނިޔާގެ އަޑުއެހުމުގައިވެސް ޔޫނުސް ވަނީ ދަމަހައްޓާފަ އެވެ. އެހެންވެ ގާޒީ މައްސަލަ ނިންމެވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.
ޔޫނުސްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގެ (ށ)ގެ ދަށުން ކަމަށްވާތީ ޔޫނުސްގެ މައްޗަށް ސާބިތުވި ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ އެއްމަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އެކަމަކު ގާޒީ ހުކުމް ކުރެއްވީ ޔޫނުސް ނުވަ ދުވަހަށް ޖަލަށްލުމަށާއި 40 އެތިފަހަރުން ޖަލްދު ކުރުމަށެވެ. ގާޒީ އެގޮތަށް ނިންމެވީ ޔޫނުސް ކުށަށް އިއުތިރާފް ވެފައިވާތީ އާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު އަދަބު މަތިވާނެ ހާލަތެއް ނެތުމުން އަދަބު ދަށްވާ ހާލަތްތަކަށް ރިއާޔަތްކޮށް އަދި އަދަބު ދަށްކުރަން ފަނޑިޔާރަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ޔޫނުސް ނުވަ ދުވަހަށް ޖަލަށްލުމާ އެކު 40 އެތިފަހަރުން ޖަލްދު ކުރުމުގެ އަދަބު ދިނުމަށް ގާޒީ ނިންމެވީ ދައުލަތުން އެގޮތަށް އެދިފައިވާތީއާއި ޔޫނުސް ކުރި ކުށަށް ބަލާއިރު ޖަލްދު ކުރުމަކީ އެކުށަށް ދެވިދާނެ އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާތީ އެވެ. އަދަބެއްގެ ގޮތުގައި ޖޫރިމަނާގެ އަދަބެއް ދެވެން އޮތްނަމަ އެފަދަ އަދަބެއް ދިނުމަށް ޔޫނުސް އެދިފައިވެ އެވެ.
''ޖަލްދުކުރުން'' ކަމަށް ގާނޫނުލްއުގޫބާތުގައި ބުނެފައިވަނީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ. ޖަލްދު ކުރާ ވަގުތު އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކު ކަމަށާއި ޖަލްދު ކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެ ކަމަށާއި ނުވަތަ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ގާނޫނުލްއުގޫބާތުގައި ބުނެފައިވެ އެވެ.