މުހައްމަދު ނާޝިޒް

ސީއޭޕީއޭސީގެ ޗެއާއަކަށް ނާޝިޒް

Aug 30, 2022

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ)ގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އިންތިހާބުކޮށްފި އެވެ.

ނާޝިޒް މިމަގާމަށް މިއަދު ހަމަޖެއްސީ މިއަދާއި މާދަމާ ކުރިއަށް ގެންދާ ސީއޭޕީއޭސީގެ އަހަރީ ބައްދަލުވުމުގަ އެވެ.

ނާޝިޒް ގެންދަވަނީ މިދިޔަ އަހަރުން ފެށިގެން ސީއޭޕީއޭސީގެ ވައިސް ޗެއާގެ މަގާމުވެސް ފުރުއްވަމުންނެވެ.

ސީއޭޕީއޭސީގައި ކޮމަންވެލްތުގެ 40 ގައުމެއްގެ މަޖިލިސް މެންބަރުން ބައިވެރިވެ އެވެ.

ސީއޭޕީއޭސީ އުފެއްދީ މެންބަރު ގައުމުތަކުގެ މާލިއްޔަތާ ގުޅުންހުރި ކަންކަން މިނިވަންކަމާ އެކު ނިިންމުމާއި މާލީގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމަށްޓަކައި ފުރިހަމަ ގޮތްތަކެއް ނިންމަން ހިތްވަރު ދިނުމަށެވެ.

ނާޝިޒް ވަނީ މިދިޔަ ތިން އަހަރު ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވާފަ އެވެ.

ސީއޭޕީއޭސީން ގެންދަނީ ރާއްޖެ ވެސް ހިމެނޭ ގޮތަށް އެ އެސޯސިއޭޝަންގެ މެންބަރު ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.