އޭސީސީ

ދައުލަތުން ގެއްލުވާލި ފައިސާ ހޯދުމުގެ މަގުޗާޓު އެކުލަވާލައިފި

Aug 30, 2022

އެސެޓް ރިކަވަރީގެ ގައުމީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވާލައިފި އެވެ.

މަގުޗާޓު އެކުލަވާލީ އެކަމަށް ހާއްސަކޮށްގެން ނެގުނު ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ތިން ދުވަހުގެ ވޯކްޝޮޕްގެ ތެރެއިންނެވެ.

ކޮމިޓީން ވަނީ އެސެޓް ރިކަވަރީގެ ގައުމީ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައި އެމަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ، އެޢިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެކަމަށް ހޭދަވާނެ މުއްދަތު ކަނޑައަޅާފަ އެވެ.

ވޯކްޝޯޕް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވީ ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ބޭފުޅުން ކުރައްވާފައިވަނީ ތާރީހީ މަސައްކަތެއް ކަމަށެވެ.

"މިކުރެވުނު މަސައްކަތަކާއެކު މިފަދަ ނިޒާމެއް ކަނޑައެޅުމަށް ދެން ކުރަންޖެހޭ މަސައްކަތްތައްވެސް ލަސްތަކެއް ނުވެ ކޮމިޝަނުން ކުރާނެ،" ސަލާމް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވަނީ ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްފަ އެވެ.

މިވޯކްޝޮޕްގައި އޭސީސީގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، އޮޑިޓާ ޖެނެރަލްގެ އޮފީސް، ދިވެހި ފުލުހުންގެ ހިދުމަތް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، އެމްއެމްއޭގެ ފައިނޭންޝަނަލް އިންޓެލިޖެންސް ޔުނިޓް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކަމާ ގުޅޭ ބޭފުޅުން ބައިވެރިވި އެވެ.