ވިލިމާލޭގައި ބުޅާ ބައިތިއްބާނެ ތަނަކާއި ވެޓް ސާވިސް ކްލިނިކެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މިމައްސަލައިގައި ކައުންސިލަރުންގެ މެދުގައި ބަހުސްކުރުމަށްފަހު ނެގި ވޯޓުގައި 12 ކައުންސިލަރުން ވޯޓު ދެއްވީ ވިލިމާލޭގައި ކެޓް ޝެލްޓާ އާއި ވެޓް ސާވިސް ކްލިނިކް ހެދުމަށެވެ. ދެކޮޅަށް ވޯޓު ދެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އެކަންޏެވެ.
ނަހްލާ ވިދާޅުވީ ވިލިމާލެ އަކީ ކުރިންވެސް ވެޓް ކްލިނިކެއް ހުރި ތަނެއް ކަމަށާއި އޭރު އެ ތަނަށް ގެންދިޔަ ބަލި ބުޅާތައް ފަހުން ރަށު ތެރެއަށް ދޫކޮށްލުމުން ވިލިމާލޭގެ ރައްޔިތުންނަށް ވެސް ބުޅަލުގެ އުދަނގޫ ވަރަށް ބޮޑު ވެފައިވާ ކަމަށެވެ.
"ވިލިމާލޭގައި އުޅޭ ބަލި ބުޅާތައް މިހާރު ވެސް ވަރަށް ގިނަ ވާނެ. އެހެންވެ ވިލިމާލޭ ރައްޔިތުންގެ ޝަކުވާ އެކަމުގައި އޮވޭ،" އޭނާ ވިދާޅުވި އެވެ.
ނަހްލާ ވިދާޅުވީ ކެޓް ޝެލްޓާ ވިލިމާލޭގައި އެޅުމާ ދެކޮޅަށް އޭނާ އުފުލާ އަޑަކީ ވިލިމާލެ ރައްޔިތުންގެ މެޖޯރިޓީ އަޑު ކަމަށެވެ. ވިލިމާލެއަކީ ވެސް ބިމަށް ޖެހިފައިވާ ތަނަކަށް ވާތީ އެތަނުން 3،000 އަކަފޫޓުގެ ބިމެއްގައި ކެޓް ފެސިލިޓީ ހެދުމަށް ބިމެއް ހާއްސަ ކުރަން ދެކޮޅު ކަމަށެވެ.
މިމައްސަލައިގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ވިދާޅުވީ ބުޅަލުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ވެފައި އޮތް މައްސަލައަކަށް ވާތީ އެއީ ހައްލުކުރަން ލަސްކޮށްގެން ތިބެވެން ނެތް މައްސަލައެއް ކަމަށެވެ.
ސައިފް ވިދާޅުވީ ވަކި ތަނެއްގައި ކެޓް ޝެލްޓާ ހުރުމަކީ ގެއްލުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި ހުޅުމާލެ އިން ހިލޭ ދީފައިވާ ބިމަކަށް އެޗްޑީސީން މިހާރު ބޮޑު އަގެއް ކިޔާތީ އެ ބިމުގައި ކެޓް ޝެލްޓާ އެޅޭނެ ގޮތެއް މިވަގުތު ނެތީ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކެޓް ޝެލްޓާ އާއި ވެޓް ސާވިސް ކްލިނިކް ހެދުމަށް ފަސް މިލިއަނާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށާއި އެކި ފަހަރު މަތިން ބަހާލައިގެން އެ ހަރަދު ކައުންސިލަށް ކުރެވޭނެ ކަމަށެވެ. އިމާރާތް ހެދުމުގެ މަސައްކަތް ބީލަމަށް ލައިގެން ކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"ކޮންމެހެން އިމާރާތް [އެއްކޮށް] ނިމެންދެން އަޅުގަނޑުމެން މަޑެއް ނުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
ބުޅާ ބައިތިއްބާނެ ތަނެއް އަޅައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން މީގެކުރިން ތަކުރާރުކޮށް އިއުލާން ކުރި އެވެ. ނަމަވެސް އޭރު އެމަސައްކަތް ކޮށްދިނުމަށް އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.