ލައިފްސްޓައިލް

އައިވީއެފް ހަދައިގެން 70 އަހަރުގެ އަންހެނަކު ވިހައިފި

އިންޑިޔާގެ ރާޖަސްތާނުގެ އަލްވާރުގައި ދިރިއުޅޭ އުމުރުން 70 އަށް ވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިއަކަށް އަލަށް ދަރިއަކު ލިބިއްޖެ އެވެ. އެމީހުންނަށް ދަރިއަކު ލިބިފައި މިވަނީ ކައިވެންޏަށް 54 އަހަރު ފަހުންނެވެ.

އުމުރުން 75 އަހަރުގެ ގޯޕީޗަންދު އާއި އޭނާގެ 70 އަހަރުގެ އަނބިމީހާއަށް ދަރިއަކު ލިބުނީ އައިވީއެފްގެ ފަރުވާ އިންނެވެ. މި ދެމަފިރިންނަށް ލިބުނު ފިރިހެންދަރިފުޅު ވިއްސާފައިވަނީ އިންޑޯ އައިވީއެފް ޓެސްޓް ޓިއުބު ބޭބީ ސެންޓަރުގަ އެވެ. މިއީ އަލްވާރުގައި ހުންނަ ހަމައެކަނި އައިވީއެފް ސެންޓަރެވެ.

ދަރިއަކު ހޯދުމުގެ އުންމީދުގައި އެ އައިވީއެފް ސެންޓަރަށް ގޯޕީޗަންދު ފުރަތަމަ ދިޔައީ މީގެ ދޮޅު އަހަރު ކުރިންނެވެ. އޭގެ ކުރިން ވެސް އެކި ސިޓީތަކުގެ ބޮޑެތި ހޮސްޕިޓަލުތަކުން އެ ދެމަފިރިން ދަރިއަކު ލިބޭތޯ ތަފާތު ފަރުވާތައް ހޯދަމުން ގޮސްފައިވެއެވެ.

ގޯޕީޗަންދުގެ އަންހެނުން ޗަންދުރަވަތީ ބަލިވެ އިނީ މީގެ ނުވަ މަސް ކުރިންނެވެ. އެއީ ތިން ފަހަރު މަތިން އައިވީއެފް ހަދައިގެން ފުރަތަމަ ދެ ފަހަރު ނާކާމިޔާބު ވުމަށް ފަހުގަ އެވެ.

ޗަންދުރަވަތީ ބަލިވެ އިނުމަށް ފަހު ވެސް އޭނާ އާއި ފިރިމީހާ އަދި އާއިލާގެ އެންމެންގެ ހިތުގައި ވަރަށް ބޮޑު ބިރުވެރިކަމެއް އަބަދުވެސް އޮތެވެ. ޗަންދުރަވަތީގެ އުމުރުން 70 އަހަރަށް ވުރެ މަތިވެފައި ވާތީ އޭގެ ސަބަބުން ދަރިފުޅަށް މައްސަލަތަކެއް ދިމާވެދާނެ ކަމުގެ ބިރެވެ.

ނަމަވެސް ނުވަ މަސް ފުރުނު ފަހުން މިދިޔަ ހޯމަ ދުވަހު ޗަންދުރަވަތީ ވިހާފައިވަނީ ކުއްޖާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

މި ދެމަފިރިންނަށް ފަރުވާ ކުރި ޑޮކްޓަރު ގުޕްތާ ވިދާޅުވި ގޮތުގައި ދާދިފަހުން އިންޑިޔާގެ ޕާލަމެންޓުން ވަނީ އައިވީއެފް ފަރުވާ އާ ގުޅޭ ގާނޫނެއް ފާސްކޮށްފަ އެވެ. އަދި އެ ގާނޫނަށް ޖޫން 2022 ގައި ވަނީ އަމަލުކުރަން ފަށާފަ އެވެ. މި ގާނޫނު ބުނާ ގޮތުން އުމުރުން 50 އަހަރަށް ވުރެ މަތީ އެއްވެސް މީހަކަށް އެއްވެސް އައިވީއެފް ސެންޓަރަކުން ފަރުވާ އެއް ނުދެވޭނެ އެވެ.

ގޯޕީޗަންދު އާއި އޭނާގެ އަންހެނުންގެ ނަސީބުގަދަކަމުން އެމީހުންނަށް ފަރުވާ ހޯދިފައިވަނީ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން ކަމުން އެމީޙުންނަށް ދަރިއަކު ހޯދުމުގައި ކާމިޔާބުވީ އެވެ. ނަމަވެސް މި މީހުން ފަދައިން ދަރިއަކު ހޯދަން މަސައްކަތްކުރާ 50 އަހަރުން މަތީގެ އެންމެންނަށް މިހާރު މި އުންމީދު ވަނީ ގެއްލިފަ އެވެ.