ހަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި، ރައީސްއާ ބައްދަލު ކުރެއްވުން މިއަދު

Jan 11, 2016

މިއަދު ހެނދުނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑއިގެންނެވި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމޭނިއަމް ޖައިޝަންކަރު ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރުފަހު ބައްދަލު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރު ވަގުތެއްގައި ކަމަށެވެ. އެ މަނިކުފާނަށް ރާއްޖޭގެ އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަލީ ނަސީރާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރެވެ. އަދި ރައީސް އަބްދުﷲ ޔާމީން އާ އެކު ރައީސް އޮފީހުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބައްދަލުވުން ބާއްވަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. 

ޖައިޝެންކަރު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެފަހަރު ބައްދަލު ކުރެއްވީ، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާ އެވެ. އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ޖައިޝެންކަރު ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޔާމީންއާ ބައްދަލު ކުރެއްވުމަށެވެ. ދަތުރު ނިންމާލައްވާނީ އަންގާރަ ދުވަހު އެވެ.

ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާ އިރު، އިންޑިއާ އިން ރާއްޖެއަށް ހަމަޖެއްސި އާ ސަފީރު ވަނީ މިދިޔަ ހަފްތާ ރާއްޖެ ވަޑައިގެން މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރު ނިންމާލުމަށްފަހު ލަންކާ އަށްވެސް ދަތުރުފުޅެއް ކުރައްވާނެ އެވެ.