އުމުރުން 65 އަހަރު ނުވާ ފަނޑިޔާރުންނަށްވެސް ރިޓަޔާކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބް މިހެން ވިދާޅުވެފައި މިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭނެ އުމުރަކީ 65 އަހަރުވުމުން ކަމުގައި ކަނޑައެޅުމަށް ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ފޮނުވުމުން ބައެއް ފަނޑިޔާރުންގެ ކަންބޮޑުވުންތައް އެކަމުގައި ހުރުމުންނެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮތް ގޮތުން ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވޭނީ އުމުރުން 55 އަހަރުވުމުންނެވެ.
ބައެއް ފަނޑިޔާރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބަންޑާރަނައިބް އިބްރާހީމް ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރައްވަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް ރިޓަޔާކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރިފްއަތު އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިން އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށެވެ.
"ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެންނަން ހުށަހަޅާނަން،" ރިފްއަތު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ ބައެއް އެހެން އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަ ކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމަށް ހިމަނާފައިވެ އެވެ.
އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކޮށް މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތް ކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ.
ފަނޑިޔާރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ހުރިހާ ބާރެއް އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.