ލައިފްސްޓައިލް

އުފަންވީއިރު ކުއްޖެއްގެ ހުރި ބޮޑު އައިބެއް ޑޮކްޓަރުން ހައިރާންކޮށްލައިފި

އިންޑިއާގައި އުފަންވި ތުއްތު ކުއްޖެއްގެ ހަށިގަނޑުގައި ހުރި ބޮޑު އައިބަކުން އޭނާ ވިއްސި ޑޮކްޓަރުން ވެސް ހައިރާން ކޮށްލައިފި އެވެ.

މަދްޔަޕްރަދޭޝްގެ ޝިވްޕޫރު ޑިސްޓްރިކްޓްގެ ހެލްތު ސެންޓަރެއްގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު އުފަންވީ މި ކުއްޖާ ފެނިފައި ކުއްޖާގެ މަންމަ އާއި ޑޮކްޓަރުން އެހާ ބޮޑަށް ހައިރާންވީ ކުއްޖާގެ ފައި ނެތީމަ އެވެ.

ފައިގެ ބަދަލުގައި އުނަގަނޑުން ތިރީގައި ވަނީ ޖަނަވާރެއްގެ ދަޅެއްގެ ސްޓްރަކްޗާގެ ސިފަޔަށް ހުރި ބައެކެވެ. މި ބައި ގުޅިފައިވަނީ ކުއްޖާގެ ފޫކޮޅާ އެވެ.

އިނގިރޭސި ވިލާތުގެ "ދަ މިރާ" ނޫހުގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވީއިރު ބަރުދަނުގައި ހުރީ އެއް ކިލޯ 400 ގްރާމެވެ.

މި ކުއްޖާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު މިހާ ބޮޑު އައިބެއް ހުރުމާއެކު ވެސް ކުއްޖާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅު ކަމަށް މި ޚަބަރުގައި ބުނެފައިވެ އެވެ.

ދެ ފައިގެ ބަދަލުގައި ޖަނަވާރެއްގެ ދަޅެއް ކަހަލަ އެއްޗަކާއެކު އުފަންވީ ތުއްތު ކުއްޖެއްގެ ވާހަކަ މުޅި އެ ސަރަހައްދަށް ފެތުރުމާއެކު ކުއްޖާ ދެކިލަން ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލަށް އަންނަމުންދާ ކަމަށް މި ހަބަރުގައި ބުނެފައިވެ އެވެ.

ކުއްޖާގެ ހަށިގަނޑުގައި މިފަދަ ބޮޑު އައިބެއް ހުންނަން މެދުވެރިވީ ސަބަބު ދެނެގަތުމަށް ޑޮކްޓަރުން މިހާރު ގެންދަނީ އެކި ތަހުލީލުތައް ކުރަމުންނެވެ.

މީގެ ކުރިން ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖެއް ވެސް އިންޑިއާގައި އުފަންވި އެވެ. ނަމަވެސް މި ކުއްޖާގެ ހުރި ފަދަ އައިބެއް ހުރި ކުއްޖެއް އުފަންވީ ކަމެއް ރެކޯޑް ތަކުން ނޭނގޭ ކަމަށް މި ހަބަރުގައި ބުނެފައިވެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކުއްޖާ މައިމީހާގެ ބަނޑުގައި އޮންނަ މުއްދަތުގައި އެ ކުއްޖާ ސަލާމަތް ސިއްހަތެއްގައި ހެދި ބޮޑުވުމަށް ބޭނުންވާ ބައެއް ނިއުޓްރިޝަން ނުލިބުމުން ހަށިގަނޑުގައި އެކި ކަހަލަ އައިބުތައް އުފެދެން ދިމާވެ އެވެ. އަދި މިގޮތަށް ބޮޑެތި އައިބުތައް ހުންނަ ގިނަ ކުދިން ބަނޑުގައި އޮއްވާ ނުވަތަ އުފަންވެ ވަރަށް ޅަފަތުގައި މި ދުނިޔެ ދޫކުރެ އެވެ.