ދުނިޔެ

ޔޫރަޕަށް ގޭސް ލިބޭނެ ދެމެއްޓެނިވި ގޮތަކީ ޔޫރަޕުން ތެލަށް ބޭނުންވުން

ޔޫރަޕްގެ ގޭސް ޓޭންކްތައް މިވަގުތު ހުރީ ގާތްގަނޑަކަށް ފުރިފަ އެވެ. އަދަދެއް ކަނޑައަޅައި ބުނާ ނަމަ 80 ޕަސެންޓް ހުރީ ފުރިފަ އެވެ.

އެހެންނަމަވެސް މިއީ ފިނި މޫސުން އެކަށީގެންވާ އަދަދެއް ނޫނެވެ. ޔޫރަޕްގެ ގައުމުތަކުގައި ގޭސް ބޭނުންކުރާ މިންވަރު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނައިރު ޓޭންކްތަކުގައި މިހާރު ހުރި މިންވަރުން ޔޫރަޕަށް ފުދޭނީ ތިން މަސްދުވަހު އެވެ.

އަނެއްކޮޅުން ޔޫރަޕުގެ ގައުމުތަކަށް ފިނި މޫސުން އޮތީ ބޯމަތިވެފަ އެވެ. މިއީ އާދައިގެ ހާލަތްތަކުގައި ވެސް ގޭސް ބޭނުންކުރުން ލައްކަތަން އިތުރު ދުވަސްވަރެކެވެ.

ގޭސް ލިބޭނެ ދެމެހެއްޓެނިވި ގޮތެއް ނުފެނިއްޖެ ނަމަ ފިނިމޫސުން ތެރޭގައި ޔޫރަޕް ގޭހަށް ޖެހޭނެ އެވެ. އެތައް ބަޔަކު ގަދަ ފިނީގައި މަރުވާނެ އެވެ. ސިނާއީ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ އެވެ.

ޔޫރަޕަށް ބޭނުންވާ ގޭސް ހޯދަނީ ރަޝިއާއިންނެވެ. ރަޝިއާ ބުނާ ގޮތުން ޔޫރަޕަށް ގޭސް ވިއްކުމަށް ހުރަހެއް ނެތެވެ. ބޭނުން ވަރަކަށް ގޭސް ލިބެން އެބަހުއްޓެވެ.

އެހެންނަމަވެސް ހުރަކަށް ވަނީ ޔޫރަޕުން އަމިއްލައަށް ރަޝިއާއާ ދެކޮޅަށް އިގުތިސޯދީ ގޮތުން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅު ތަކެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ވެސް ޔޫރަޕުންނެވެ. އެކަމާ ދަތި ވަނީ ވެސް ޔޫރަޕަށެވެ. ދަތިކުރުންތަކަށް ތަބާވާން ހަދައިގެން ރަޝިއާގެ ގޭސް ގަނެވޭނެ ގޮތެއް ޔޫރަޕަކަށް މިވަގުތަކު ނެތެވެ.

ރަޝިއާ އިން ޔޫރަޕަށް -- ޖަރުމަނަށް ގޭސް ފޮނުވަނީ ނޯޑް ސްޓްރީމް ހޮޅިތަކުންނެވެ. ނޯޑް ސްޓްރީން 1 މި ވަގުތަށް މަރާމާތަށް ބަންދުކުރަން ޖެހުމަކީ ވެސް ޔޫރަޕަށް ލިބުނު ދެރައެކެވެ.

ނޯޑް ސްޓްރީމް 2 ގެ ނަމުގައި ވެސް ހޮޅިތަކެއް އޮތީ އަޅާފަ އެވެ. އެހެން ނަމަވެސް މި ހޮޅިތައް އަދި ބޭނުންކުރާކަށް ނުފަށަ އެވެ. ބޭނުން ނުކުރެވިގެން އުޅެނީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމާލާތަކުގެ ސަބަބުންނެވެ. ޔުކްރޭންގެ ދިފާއުގައި ޔޫރަޕް އޮތީ ކޮންމެ ކަމެއް ވެސް ކުރާ ގޮތަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ އެއްބާރުލުމާ އެކު ޔުކްރޭން ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ބަލަނީ ރަޝިއާ ބަލިކޮށްލެވޭތޯ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައަށް ހައްލު ލިބިއްޖެ ނަމަ ޔޫރަޕަށް ބޭނުންވާ ގޭހަށް ހައްލު ލިބުނީ އެވެ. ޔުކްރޭން ހަނގުރާމަ ނިމެން ޖެހޭނީ ރަޝިއާ ބޭނުންވާ ގޮތަށެވެ. އެއީ ރަޝިއާގެ މަސްލަހަތަށް ހިމާޔަތް ލިބޭ ގޮތަށެވެ.