އިންޑިއާގެ މުމްބައިގެ ވޮކްހާޑްޓް ހޮސްޕިޓަލްގެ ޑޮކްޓަރުން 48 އަހަރުގެ އަންހެނެއްގެ ރަހިމުން 2.5 ކިލޯގެ ސީސްޓެއް ނަގައިފި އެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެ އަންހެންމީހާ ހަތަރު މަސް ދުވަސް ވަންދެން ބްލޯޓްވެ ބަނޑަށް ބަރުހެލިކަން އިހްސާސްކުރެވޭތީ، އެކަން ރަނގަޅުކުރުމަށް ކަސްރަތުކޮށް، ހާބަލް ޓީ އާއި ފެން އަދި ޕްރޮބައޮޓިކްސް ވަކި ގޮތަކަށް ބޭނުންކޮށްފައިވެ އެވެ. ނަމަވެސް ލުޔެއް ނުލިބި، އާންމު ދިރިއުޅުމަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކި އެވެ.
މި އަންހެން މީހާގެ ރަހިމްގައި އެހާ ބޮޑު ސިސްޓަކާއި ބައިވަރު ފައިބްރޮއިޑްސް ހުރިކަން ހާމަވީ ޑޮކްޓަރުން އަލްޓްރާސޮނޮގްރަފީއެއް ހެދުމުންނެވެ.
"ރަހިމްގައި އެހާ ބޮޑު ސިސްޓަކާއި ފައިބްރޮއިޑްސް ހުރިކަން ޑޮކްޓަރުން ބުނީމަ ލިބުނީ ޝޮކެއް. އެހެންވީމަ ވޭތުވެ ދިޔަ ހަތަރު މަހު އަހަރެންގެ ހަށިގަނޑުގައި އެ އެއްޗެތި ބޮޑުވަމުން އެ އައީ. އަހަރެން މޭބޮޑުވެ، ބަނޑު ފުއްޕާފައި ހުންނަވަރުން ގެއިން ނިކުންނަންވެސް ލަދު ގަނޭ." އޭނާ ބުންޏެވެ.
ޑރ. ރާޖްޝްރީ ޓޭޝެޓީ ބުނީ އެ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް އައި އިރު، އޭނާ ހުރީ ލޭ މަދުވެފައި އަދި ބްލޯޓްވާ ކަމަށް ބުންޏެވެ. އޭނާގެ ހައިލުގެ ކަންތައްތައް ރަނގަޅު ކަމަށާއި އެކްސަސައިޒްކޮށް ހެދުމުންވެސް ލުއި ނުވާ ކަމަށް ބުންޏެވެ.
ތަހުލީލުތަކަށް ފަހު ސިސްޓާއި ފައިބްރޮއިޑްސް ނަގަން ކުރި ހިސްޓެރެކްޓޮމީ އޮޕަރޭޝަނުން އޭނާގު ރަހިމާއި އޮވަރީޒް އަދި ޓިއުބްތައް ވަނީ ނަގާފަ އެވެ.
ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ އޮޕަރޭޝަން ކޮށްފައިވަނީ ވީހާވެސް ކުޑަކޮށް ބަނޑު ކެފުމަށްފަހު ކަމަށާއި އެކަމުގައި ދިމާވި ގޮންޖެހުންތަކަކީ އެ ސިސްޓާއި ފައިބްރޮއިޑް ފަޅައިގެން ނުދާ ގޮތަށް ނެގުން ކަމަށެވެ.
މި ސާޖަރީ ކުރިތާ ތިންވަނަ އަށްވީ ދުވަހު އަންހެން މީހާ ވަނީ ގެޔަށް ދޫކޮށްލާފަ އެވެ.