ޖޭއާރްއާރް ޓޯލްކިއެންގެ ލޯޑް އޮފް ދަ ރިންގްސް ފޮތްތަކުގެ މައްޗަށް ބިނާކޮށް، "ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަ"ގެ ދެ އެޕިސޯޑް އެމެޒޯން ޕްރައިމަށް މިހާރު އެވަނީ ރިލީޒްކޮށްފި އެވެ.
މި ސީރީޒާ މެދު ފިލްމް ކްރިޓިކްސްގެ ހިޔާލު ތަފާތެވެ. ބައެއް މީހުން ދެކޭ ގޮތުގައި މި ސީރީޒްގައި ޕޮލިޓިކްސް މާމަދެވެ.
"ލޯޑް އޮފް ދަ ރިންގްސް" ފިލްމްތަކާ ހިލާފަށް މަތިމަތިން ތިލަކޮށް ވާހަކަ ހުށަހަޅާކަމާއި މިއީ ކާރިސާއެއް ކަމަށްވެސް ސިފަކުރި އެވެ.
މީގެ އަނެއްކޮޅުން މި ސީރީޒަށް ތައުރީފްކުރާ ފަރާތްތަކުން އޭގެ ސިނަމެޓޮގްރަފީގެ ހިތްގައިމު ކަމަށާއި އެކި ނަސްލުގެ މީހުން އެކްޓަރުންގެ ގޮތުގައި ބޭނުންކުރުމާއި ހާއްސަކޮށް ގެލެޑްރިއަލް ފަދަ ކެރޭ، ހިތްވަރު ގަދަ އަންހެން ކެރެކްޓަރުން ބޭނުންކުރުމުން އެކަމަށް ތައުރީފްކުރި އެވެ.
މި ސީރީޒް ފަށައިގަންނައިރު ކުރިއަށްދާވަރު ލަސްވީ ނަމަވެސް، މި ސީރީޒަށް އެކަން ގުޅޭ ކަމަށާއި ހާފުޓްސް ހޮބިޓްސް ފަދަ ކެރެކްޓަރުން ވަރަށް ކަމުދާ ކަމަށްވެސް އެހެން ކްރިޓިކެއް ލިޔުނެވެ.
ޑީޖޭ ޕޭން ޑައިރެޓްކުރާ "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" ގައި ދައްކާނީ ޕީޓަ ޖެކްސަންގެ "ދަ ހޮބިޓް" އާއި "ލޯޑް އޮފް ދަ ރިންގްސް" ތިން ފިލްމަށްވުރެ އެތައް ހާސް އަހަރެއް ކުރީގެ މިޑްލް އާތް އެވެ.
މި ސީރީޒްގެ ސަމާލުކަން އޮންނާނީ އެލްފް ވޯރިއަ ގެލެޑްރިއަލް "ލޯޑް އޮފް ދަ ރިންގްސް"ގެ ތިން ފިލްމުގައި ފެންނަ ގެލެޑްރިއަލްއަށް ބަދަލުވާ ރާސްތާއަށާއި އޭނާގެ ބޭބެ ފިންރޮޑް މަރާލި ސައުރަންގެ މީހުން ހޯދައި ބަދަލުހިފުމަށެވެ.
ޕީޓަ ޖެކްސަންގެ "ލޯޑް އޮފް ދަ ރިންގްސް" ފިލްމްތަކާއި "ގޭމް އޮފް ތްރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ޑްރޭގަންސް" އާ ވާދަކުރުމަކީ މި ސީރީޒަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މި ސީރީޒް މޮޅު އަދި ކާމިޔާބު ސީރީޒަކަށް ވުމުގެ އުއްމީދު ބޮޑެވެ.