ހޮލީވުޑް

ދަ ކްރައުންގެ ހަވަނަ ސީޒަންގައި ޕްރިންސް ވިލިއަމްގެ ދެމަފިރިން

ނެޓްފްލިކްސްއިން ކުރިއަށްގެންދާ ކާމިޔާބު ސީރީޒް ކަމުގައިވާ "ދަ ކްރައުން"ގެ ހަވަނަ ސީޒަންގައި ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ބައިތައް ކުޅޭނެ ތަރިން ކާސްޓްކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަށް ބިނާކޮށްފައިވާ މި ސީރީޒްގައި ދައްކުވައިދެނީ މައިގަނޑު ގޮތެއްގައި ހަގީގީ ކަންތައްތަކުގެ ޑްރެމެޓައިޒްޑް ވާޝަން އެކެވެ.

މި ސީރީޒްގައި ވަލީއަހުދު ޕްރިންސް ޗާލްސްއާއި ޕްރިންސަސް ޑަޔާނާގެ ފުރަތަމަ ދަރިކަލުން ޕްރިންސް ވިލިއަމްގެ ރޯލް އަދާކުރާނީ ދެ އެކްޓަރުންނެވެ.

މިގޮތުން ޕްރިންސް ވިލިއަމް ކުޑައިރު އެހެން ދެ އެކްޓަރުން ފެނިގެންދިޔަ ނަމަވެސް، ފުރާވަރުގެ ދުވަސްވަރުގެ ރޯލް އަދާކުރާނީ ރުފަސް ކެމްޕާ އެވެ. އަދި ފަހުގެ އަހަރުތައް ކުޅޭނީ އެޑް މެކްވޭ ކަމަށްވާއިރު، ޕްރިންސަސް ކޭޓްގެ ރޯލް އަދާކުރާނީ މެގް ބެލަމީ އެވެ.

ރުފަސް ޕްރިންސް ވިލިއަމްގެ ރޯލް އަދާކުރާނީ ޕްރިންސަސް ޑަޔާނާގެ ފަހުގެ އަހަރުތަކާއި އެކަމަނާގެ މަރުގެ ދުވަސްވަރު ދައްކައިދޭއިރު އެވެ. އަދި އެޑްގެ ބައި އަންނާނީ ކޭޓްއާ ދިމާވެ، ގުޅުން ބަދަހިވާ ހިސާބުންނެވެ.

މި ސީރީޒްގެ ހަވަނަ ސީޒަން ނެޓްފްލިކްސްގައި ދައްކަން ފަށާނީ އަންނަ ނޮވެމްބަރު މަހު އެވެ.