ދުނިޔެ

ވަކި މުއްދަތެއް ނެތި ޔޫރަޕަށް ގޭސް ބަންދުކޮށްފި

ޔޫރަޕަށް ގޭސް ފޮނުވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ރަޝިއާގެ މައި ތެޔޮ ކުންފުނި، ގޭސްޕްރޮމް އިން ބުނެފި އެވެ.

ރަޝިއާއިން ޔޫރަޕަށް ގުދުރަތީ ގޭސް ފޮނުވަން ޖަރުމަނަށް އަޅާފައި އޮންނަ ހޮޅިތައް، "ނޯޑް ސްޓްރީމް 1" މަރާމާތަށް ތިން ދުވަހަށް ބަންދުކުރީ ތާވަލަށް ވުރެ ވެސް އަވަހަށް -- ސެޕްޓެމްބަރު ތިނަކަށް ވުރެ ކުރިން ޚިދުމަތް ދޭން ފެށިދާނެ ކަމަށް ބުނެ އެވެ.

ގޭސްޕްރޮން އިން މިހާރު ބުނަނީ ނޯޑް ސްޓްރީމް 1 އިން އަލުން ގޭސް ފޮނުވަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި "ޓާބައިން" އަށް ގެއްލުން ވެފައި ހުރި ކަަމަށެވެ. ނޯޑް ސްޓްރީން 1 ގައި ބޭނުންކުރެވެނީ އެންމެ ޓާބައިން އެކެވެ.

ގޭސްޕްރޮމް އިން ބުނާ ގޮތުން ޓާބައިން ރަނގަޅަށް މަރާމާތު ކުރުމަށް ފަހު ނޫނީ ޕަމްޕްތައް އަލުން ނުޖެއްސޭނެ އެވެ. އެ ނޫން ގޮތެއްގައި ނޯޑް ސްޓްރީމް ނިޒާމަށް މިހާރަށް ވުރެ ބޮޑެތި ގެއްލުން ލިބިދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނޯޑް ސްޓްރީމް 1 މަރާމާތު ކުރަން ޖެހިފައި އޮތްކަން ގޭސްޕްރޮމް އިން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. މަރާމާތަށް ބޭނުންވާ ބައިތައް ސަޕްލައި ކުރުމަށް ޖަރުމަންގެ ސީމަން ކުންފުންޏަށް އެންގި ނަމަވެސް، ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކާ ހެދި އެ މުއާމަލާ އޮތީ ފުރިހަމަ ނުވެ އެވެ.

ގޭސްޕްރޮމް އިން ބުނާ ގޮތުން ޓާބައިންގެ މަރާމާތަށް ބޭނުންވާ ބައިތައް ސަޕްލައި ކޮށްދިނުމަށް ސީމަންއަށް މިހާރު ވެސް އޮންނާނީ އަންގާފަ އެވެ. އަދި ދިމާވެގެން އުޅޭ މައްސަލަތައް ތަފުސީކޮށް ވާނީ އަންގާފަ އެވެ.

ނޯޑް ސްޓްރީމް މަރާމާތަށް ބަންދުކުރަން ކަނޑައެޅި މުއްދަތަކީ އޯގަސްޓް 31 އިން ސެޕްޓެމްބަރު 3 އަށެވެ. އެހެން ނަމަވެސް ގޭސްޕްރޮމް ބުނީ މަރުހަލާތައް ދިޔައީ މަސައްކަތް ނިންމައި އެ ތާރީޚަށް ޚިދުމަތް ދެވޭ ގޮތަށް ނޫން ކަމަށެވެ.

ގޭސްޕްރޮމް ބުނާ ގޮތުން ނޯޑް ސްޓްރީމް 1 މީގެ ކުރިން ވެސް ހިންގީ ބަރާބަރަށް ތާވަލަށް މަރާމާތުކޮށްގެންނެވެ. އެހެން ނަމަވަވެސް ނޯޑް ސްޓްރީމް 1 މަރާމާތަށް ބޭނުންވާ ބައިތައް ޔޫރަޕުން ހޯދުމުގައި، ޔޫރަޕުން މިފަހަރު އެއްބާރުލުން ނުދިނުމުގެ ސަބަބުން މަސައްކަތްތައް ލަސްވަނީ އެވެ.

އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކޮށް ދުނިޔޭގެ މާލީ ނިޒާމް "ސްވިފްޓް" އިން ވަނީ ބޭރުކޮށްފަ އެވެ. މި ސަބަބާ ހެދި ޔޫރަޕާ އެކު ވިޔަފާރިކުރުން ރަޝިއާއާށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.