ބޮލީވުޑްގެ އެންމެ ފުރިހަމަ ލަވް ގުރޫ އަކީ ކަރަން ޖޯހަރް އެވެ. ސަބަބަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ވަރަށް ގިނަ އެކްޓަރުންގެ ލޯބީގެ ގުޅުން ފެށިފައިވަނީ ކަރަން މެދުވެރިވެގެން ކަމަށް ވާތީ އެވެ.
ކިރިޔާ ވެސް ދެ އެކްޓަރަކު އެކަކު އަނެކަކާ ގަޔާވާހެން ހީވާނަމަ ކަރަން އެދޭތެރެއަށް ވަދެ އެ ބަޔަކުގެ މެދުގައި ލޯބީގެ ގުޅުމެއް އުފައްދަން މަސައްކަތް ކުރެ އެވެ.
ރަންބީރު ކަޕޫރާއި އާލިއާ ބަޓް، ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އަދި ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް އަކީ ކަރަން ކިއުޕިޑްގެ ރޯލު އަދާކޮށްގެން ގުޅިފައި ތިބި އެކްޓަރުންނެވެ.
މިހާރު އަނެއްކާވެސް މުޅިން އާ ދެ ތަރިންގެ 'ލަވް ގުރޫ'އަކަށް ކަރަން ވަނީ ވެފަ އެވެ. ދާދިފަހުން ދެއްކި ކްރީތީ ސެނޯން އާއި ޓައިގާ ޝްރޮފް ބައިވެރިވި "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ކަރަން ވަނީ ކްރީތީ އާއި އަދިތުޔާ ރޯއި ކަޕޫރުގެ މެދުގައި ލޯބީގެ ގުޅުމެއް އުފައްދަން މަސައްކަތް ކޮށްދޭންވީތޯ ކްރީތީ ކުރެން އަހާފަ އެވެ.
ކްރީތީ ކައިރީގައި ކަރަން ބުނި ގޮތުގައި އޭނާގެ 50 ވަނަ އުފަން ދުވަހުގެ ޕާޓީގައި ކްރީތީ އާއި އަދިތުޔާ ވަރަށް ގާތްކޮށް ވާހަކަ ދައްކަން ތިއްބާ އޭނާއަށް ފެނުނެވެ. އަދި ދެ މީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށާއި ވަރަށް ގުޅޭ ރީތި ޖޯޑަކަށް އެ ދެ މީހުން ވާނެކަމަށް ފެންނަ ކަމަށް ވެސް ކަރަން ބުންޏެވެ.
އަދިތުޔާއާ އެކު ވަކި ހާއްސަ ގޮތަކަށް އެ ޕާޓީގައި ވާހަކަ ނުދައްކާ ކަމަށް ކްރީތީ ބުންޏެވެ. ނަމަވެސް އޭނާ އާއި އަދިތުޔާ ވަރަށް ގުޅޭ ސިފަތަކެއް ހުރިކަމަށް ކްރީތީ ވެސް އެއްބަސްވި އެވެ.
"އަދިތުޔާ އަކީ ވަރަށް ރީތި އެހާމެ ރަނގަޅު ސިފަތަކެއް ހުރި މީހެއް. މިހެން އުޅޭއިރު ބައެއް ފަހަރަށް އޭނާއާ ބައްދަލުވެ ވާހަކަ ދައްކާލާ އުޅެން. ނަމަވެސް އަހަރެމެންގެ މެދުގައި ވަކި ހާއްސަ ގުޅުމެއް ނެތް،" މި ޝޯގައި ވާހަކަ ދައްކަމުން ކްރީތީ ބުންޏެވެ.
ކްރީތީ އާއި އަދިތުޔާ ގުޅުވަން މަސައްކަތް ކޮށްދީފާނެ ކަމަށްވެސް މި ޝޯގައި ކަރަން ބުނެފައި ވެއެވެ.
"އަހަރެންގެ ރެސްޓޯރަންޓެއް ހުންނާނެ މި ޓައުން ތެރޭ. ހިނގާ އަހަރެމެން ތިން މީހުން އެތަނަށް ގޮސް އެކުގައި ވަގުތު ހޭދަކުރަން،" ކްރީތީ ކައިރީ ކަރަން ބުންޏެވެ.
ކަރަންގެ މި ވާހަކައަށް ކްރީތީ އެއްބަސްވި އެވެ. އަދި އޭނާ އާއި އަދިތުޔާއާ އެކު ބޭރަށް ދިއުމުގެ ޝައުގުވެރިކަން ކްރީތީގެ ވެސް ހުރިކަން އޭނާ ވަނީ ފާޅުކޮށްފަ އެވެ.
މި ޝޯގައި ކްރީތީ އާއެކު ބައިވެރިވި ޓައިގާ އަށް ވެސް ރަނގަޅު ކުއްޖެއް ހޯދައިދިނުމުގެ މަސައްކަތް ކޮށްދޭން ކަރަން ވަނީ ހުށައަޅާފަ އެވެ.
ޓައިގާ އާއި ދިޝާ ޕަޓްނީ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ތަކަކަށްފަހު އެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ކެނޑިފައިވާ ކަމުގެ ހަބަރުތަކެއް ފާއިތުވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެތުރިފަ އެވެ. ނަމަވެސް ކަރަންގެ މި ހުށަހެޅުން ޓައިގާ ގަބޫލެއް ނުކުރި އެވެ.