ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ހަމަޖައްސައިފި އެވެ.
އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ކާނަލް އިސްމާއީލް ނަސީރު އެވެ.
މަގާމާ ހަވާލުވެވަޑައިގެން ހަސަން އާމިރު މިހާރު ހުންނެވީ ސްރީލަންކާގަ އެވެ. އަދި އޭނާ ގެންދަވަނީ ކަމާ ގުޅޭ ލަންކާގެ އިސް ބޭފުޅުންނާ ބައްދަލުުކުރައްވަމުންނެވެ.
އެގޮތުން ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ޖެނެރަލް ކަމާލް ގަނަރަޓްނެއާ މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކާނަލް އިސްމާއީލް ނަސީރު ހުންނަވައިގެން ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، އޭނާއަށް ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ލިއޭޒަން އޮފިސަރު މޭޖާ ޖެނެރަލް ދިނޭޝް ނަނަޔައްކަރަ ބައިވެރިވެ ވަޑައިގެންނެވި އެވެ.