ހޮލީވުޑް

ކްރިސް ރޮކް އޮސްކާ ހޯސްޓް ނުކުރަން ނިންމައިފި

Sep 4, 2022

އަންނަ އަހަރުގެ އޮސްކާ އެވޯޑްސް ހޯސްޓުކުރުމަށް ދިން ދައުވަތު ގަބޫލުނުކުރުމަށް ކްރިސް ރޮކް ނިންމައިފި އެވެ.

އޭނާ އެގޮތަށް ނިންމީ މިއަހަރު ބޭއްވި އޮސްކާ އެވޯޑްސް ހޯސްޓް ކުރަމުން ދަނިކޮށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އޭނާގެ މޫނުމަތީގައި ޖެހުމުން އެފަދަ ކަމެއް ތަކުރާރުވާން ބޭނުން ނުވާތީ އެވެ.

ކްރިސް ރޮކް ބުނި ގޮތުގައި އޮސްކާ ހޯސްޓުކުރަން އަނެއްކާވެސް ދިއުމަކީ އޭނާ އަނބުރާ ކުށުގެ ވެއްޓަކަށް ދިއުން ކަހަލަ ކަމެއް ކަމަށެވެ.

މިއަހަރުގެ އޮސްކާ އެވޯޑް ދިނުމުގެ ހަފްލާގައި ކޮމެޑިއަން ކްރިސް ރޮކް "ބެސްޓް ޑޮކިއުމެންޓަރީ" ކެޓެގަރީގެ އެވޯޑް ދޭން ސްޓޭޖަށް އަރާ، އެކި މީހުންނަށް ޖޯކު ޖަހަމުން ގޮސް ވިލް ސްމިތްގެ އަންހެނުން ޖޭޑާ ޕިންކިޓް ސްމިތަށް ޖޯކު ޖެހުމުން، ވިލް ސްމިތް ފުރަތަމަ އެންމެންނާ އެކު ހީސަކަރާތް ޖެހުމަށްފަހު، ޖޭޑާ ނުރުހެންވެފައިވާ ތަން ފެނުމުން، ސްޓޭޖް މައްޗަށް އަރާ ވަނީ ކްރިސް ރޮކްގެ މޫނު މަތީގައި ޖަހާފަ އެވެ.

ވިލް ސްމިތްގެ މިއަމަލާ ގުޅިގެން އެވޯޑް ޝޯގެ އޯޑިއަންސްގައި ތިބި މީހުން ތިބީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. މިފަދަ އަމަލެއް އެންމެ ޝަރަފްވެރި އެއް އެވޯޑް ޝޯގައި ހިންގާފައިވާތީ، އެކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.

މި ހާދިސާއާ ގުޅިގެން ވިލް ސްމިތް ވަނީ އޮސްކާ އެވޯޑް އިންތިޒާމު ކުރާ އެކަޑަމީއިން ވަކިވެފަ އެވެ. އަދި އޭގެ ހަތް ދުވަސް ފަހުން އެކަޑަމީއިން ވަނީ ކުރިއަށް އޮތް 10 އަހަރަށް ވިލް ސްމިތަށް އެކަޑަމީގެ އެއްވެސް އިވެންޓެއްގައި ބައިވެރިނުވެވޭ ގޮތް ހަދާފަ އެވެ.

ވިލް ސްމިތް ފަހުން އާންމުކުރި ވީޑިއޯއެއްގައި ވަނީ ކްރިސް ރޮކްގެ ކިބައިން މައާފަށް އެދިފަ އެވެ.