ވިއަވަތި ރާއްޖެ ކޮންފަރެންސް

ވިއަވަތި ކޮންފަރެންސް މިފަހަރު ލާމުގައި

Sep 4, 2022
1

މިއަހަރުގެ ދެވަނަ ވިއަވަތި ކޮންފަރެންސް މިމަހުގެ 10 ވަނަ ދުވަހު ލ. ގަމުގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ކަމަށެވެ.

"މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ވަޒީރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށް ވުރެ ގިނަ ބައިވެރިން މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ލާމުގައި ބާއްވާ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ކަމަށެވެ. އެއީ، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި، ބިނާވެށި ޕްލޭން އެކުލަވާލުމާއި، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ.

ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ކޮންފަރެންސް ފަށާ ދުވަހުގެ ހަވީރު ގަމުގައި އޮންނާނެ އެވެ.

މިއަހަރުގެ ފުރަތަމަ ވިއަވަތި ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު، އއ. އުކުޅަހުގަ އެވެ. އެ ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.