ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް މިއަދު މެންދުރުފަހު ލ. ގަމަށް ވަޑައިގެންފި އެވެ.
މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެރިވާނީ ދ، ތ، ލ، ގއ، ގދ. އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެ ދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާ ގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި ފަހަރުގެ ކޮންފަރެންސްގައި ސަރުކާރުގެ އިސްބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކާއި އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުންވެސް ހިމެނެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ހަތަރު ސެޝަނެއް ކުރިއަށް ގެންދާއިރު ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެ އެވެ. މިގޮތުން މި ސެޝަންތަކުގެ މައުލޫއުތަކުގެ ތެރޭގައި ހިމެނެނީ މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ.
މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ހިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސުލްޖުމްހޫރިއްޔާއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު އޮންނާނެ އެވެ.