އެޗްޑީސީ

އެޗްޑީސީގެ އެމްޑީއަކަށް އާތިފް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަހްމަދު އާތިފް ހަމަޖައްސައިފި އެވެ.

އާތިފް އެންމެ ފަހުން ހުންނެވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މާޗު 6، 2019 ގައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާތިފް ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހްމަދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ އާތިފްގެ ލީޑާޝިޕްގައި ކުންފުންޏަށް އިތުރު ހަރުފަތްތަކެއް ގިރާކުރެވޭނެ ކަމަށެވެ.

އާތިފް ވަނީ މެލޭޝިއާގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަދަ މާލީ އިދާރާތަކުގައި ވެސް ކުރިން މަސައްކަތް ކުރައްވާފަ އެވެ. އަދި އޮޑިޓިންގެ ދާއިރާ އާއި ޓެކްސް އޭޖެންޓްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެޗްޑީސީގެ ބޯޑުގައި މިވަގުތު ތިއްބެވީ އާތިފްގެ އިތުރުން ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމާއި ސީއޯއޯ ޝާތިރު އަބްދުއްރަހްމާނާއި އަބްދުﷲ ރަމީޒާއި އަހްމަދު އާތިފާއި އިބްރާހިމް އަފްރާތާއި ހަސަން މުނީރާއި މުހައްމަދު ޖަލާލާއި އަބްދުލް މޫނިމް މުހައްމަދު މަނިކާއި އަބްދުﷲ މިއާދު އަދި އައިމިނަތު ޝިވީޒާ ނައީމެވެ.