ދުނިޔެ

"ޔުކްރޭނަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކުރުން"

ރަޝިއާ، ޔުކްރޭން ހަނގުރާމަ މިހާރު އޮތް ހިސާބުން ޔުކްރޭން ކޮޅަށް ލަންބާލައި ކާމިޔާބު ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށް އެމެރިކާ ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް މާކް ޓީ ކިމިޓް ވިދާޅުވެއްޖެ އެވެ.

ނޭޓޯގެ ރޭވުންތަކުން ޔުކްރޭނަށް ކާމިޔާބު ހޯދައި ނުދެވުނު ކަމަށް މާކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ ސިފައިން ދެމުން ގެންދާ ކޮންމެ ހަމަލާއަކަށް ރައްދު ހަމަލާއެއް ދިނުމަކީ ހަނގުރާމަ ކާމިޔާބުވުން ނޫން ކަމަށެވެ.

މާކް ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭނަށް އޮތް އެންމެ ރަނގަޅު އިޚުތިޔާރަކީ މޮސްކޯއާ މަޝްވަރާކުރުމެވެ. އެ ނޫން ގޮތެއްގައި ހަނގުރާމައަށް އަވަސް ހައްލެއް ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވޯލް ސްޓްރީން ޖާނަލްގައި މާކް ލިޔުއްވި ލިޔުމެއްގައި ބުނެފައިވާ ގޮތުން ވޮޝިންގްޓަނުން ޔުކްރޭނަށް ފޮނުވާ ހަތިޔާރުތައް ޒަމާނަކަށް ނުފެތެ އެވެ. ރަޝިއާ ކަހަލަ ބާރުގަދަ އަސްކަރިއްޔާއަކާ ކުރިމަތިލުމަށް އެ ފެންވަރުގެ ހަތިޔާރު ކަމުނުދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނޭޓޯއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ގޯހެއް ކަމަށް މާކް ވިދާޅުވި އެވެ. އެ ގޮތުގައި ހަތިޔާރު ފޯރުކޮށްދޭހާ ދުވަހަކު ހަނގުރާމައަށް ނިމުމެއް ނާންނާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ހަތިޔާރު ފޯރުކޮށްދޭ ނަމަ ވާނީ ހަތިޔާރު ފޯރުކޮށްދޭހާ ކަމަށްވެސް މާކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ ކަހަލަ ބާރުގަދަ އަސްކަރިއްޔާއަކާ ދިމާކުރަން ހަދައިގެން ނޭޓޯ ގައުމުތަކުން ހަތިޔާރު ހުސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ހަނގުރާމަ ކާމިޔާބުކުރަން ބޭނުންވާ ހަތިޔާރު ސަޕްލައިކޮށްދެވޭ ފެންވަރު ޔޫރަޕްގެ އެއްވެސް ގައުމެއްގައި ނެތް ކަމަށް މާކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން އެދޭ ވަރަށް ހަތިޔާރު ފޯރުކޮށްދޭ ނަމަ އެ ގައުމެއް ޕްރެޝަރުގައި ޖެހި އަމިއްލަ ދިފާއުގައި ބޭނުންކުރާނެ އެއްޗެއް ނުހުންނާނެ ކަމަށެވެ.

އެމެރިކާ އާއި ބައިވެރިން ޔުކްރޭނަށް ކޮށްދޭ އެއްވެސް ކަމަކުން ދެމެހެއްޓެނިވި ނަތީޖާއެއް ނުނުކުންނާނެ ކަމަށް ވެސް މާކް ވިދާޅުވި އެވެ.