އެކްޓަރުން ގިނަ ފަހަރަށް "ޓައިޕްކާސްޓް" ވާން ނޫނީ އެއްވައްތަރެއްގެ ރޯލްތައް ކުޅޭކަށް ނޭދެއެވެ. ސަބަބަކީ އެއްވައްތަރެއްގެ ރޯލް ކުޅެންޏާ އެ އެކްޓަރުންގެ ކްރިއޭޓިވިޓީ ދަށަށްގޮސް، އެހެން ޒާތުގެ ރޯލް ނުލިބުމެވެ.
ބައެއް އެކްޓަރުން ތަފާތު ވައްތަރުގެ ރޯލްތައް ކުޅުމަށް މަޝްހޫރުވެފައިވާއިރު، ތިރީގައިވާ ބައެއް އެކްޓަރުންނަކީ އެއްވައްތަރެއްގެ ރޯލް ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަ އެކްޓަރުންނެވެ.
1. ހިއު ގްރާންޓް
ހިއު ގްރާންޓަކީ ރޮމޭންޓިކް ގިނަ ކޮމެޑީތަކެއް ކުޅެފައިވާ އެކްޓަރެކެވެ. މިގޮތުން ހިއުގެ ގިނަ ފިލްމްތަކުގައި އޭނާ އަކީ ލަދުވެތި، މަޑުމައިތިރި، އަނގައޮޅި ގިނައިން "އޯ ޑިއަ" ކިޔާ، "ބޯއިޝް ޗާމް" ހުންނަ މީހެކެވެ. މިސާލަކަށް "ފޯ ވެޑިންގްސް އެންޑް އަ ފިއުނެރަލް"، "ނޮޓިންހިލް"، 'ނައިން މަންތްސް"، "އަބައުޓް އަ ބޯއީ"، "ލަވް އެކްޗުއަލީ"، "ޓޫ ވީކްސް ނޯޓިސް"، "މިއުޒިކް އެންޑް ލިރިކްސް" ގައި ކުޅެފައިވަނީ މި ފާޑުގެ ރޯލެވެ.
2. ޖޭސަން ސްޓޭތަމް
މާޝަލް އާޓްސް އަދި ކިކްބޮކްސިން ދަންނަ ޖޭސަން ސްޓޭތަމް އަކީ "ލޮކް، ސްޓޮކް އެންޑް ޓޫ ސްމޯކިން ބެރެލްސް"، "ސްނެޗް"، "އިޓޭލިއަން ޖޮބް"، "ސެލިއުލާ"، "ދަ ބޭންކް ޖޮބް"، "މެގް"، "ޓްރާންސްޕޯޓަ" ފިލްމްތައް، "'ދަ މެކޭނިކް"ގެ ދެ ފިލްމް، "ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ފިލްމްތައް ފަދަ އެކްޝަން ތްރިލާ ފިލްމް ކުޅޭ އެކްޓަރެކެވެ. ޖޭސަން މި ފިލްމްތަކުގައި ކުޅެފައިވަނީ "ޓަފް ގާއި" އެއްގެ ރޯލެވެ.
3. ހެލީނާ ބޮންހެމް ކާޓާ
ހެލީނާ ބޮންހެމް ކާޓާ އަކީ ތަފާތު ކެރެކްޓާތައް ކުޅެފައިވާ ތަރިއެކެވެ. ނަމަވެސް ހެލީނާ އެންމެ ގިނައިން ކުޅެފައިވަނީ ބަނަ، ރަހުމުކުޑަ، ނުލަފާ، ޖެހިލުމެއްނެތި މީހެއްގެ ދުވަސްދުއްވާލާ ފަދަ ރޯލެވެ. މިސާލަކަށް "ހެރީ ޕޮޓަ" ފިލްމްތަކުގައި ބެލަޓްރިކްސް ލިސްޓްރޭންޖް، "ސްވީނީ ޓޮޑް"ގެ މިސިޒް ލަވެޓް، "އެލިސް އިން ވޮންޑަލޭންޑް"ގެ ދެފިމްލްގައި ކުއީން އޮފް ހާޓްސް، "ގްރޭޓް އެކްސްޕެކްޓޭޝަންސް" ގައި މިސް ހެވިޝާމްގެ ރޯލް ފާހަގަކޮށްލެވެ އެވެ.
4. އެޑަމް ސޭންޑްލާ
އެޑަމް ސޭންޑްލާ އަކީ ކޮމެޑީ ފިލްމް ކުޅޭ ތަރިއެކެވެ. އެޑަމްގެ ގިނަ ފިލްމްތަކުގައި އޭނާ ކުޅެނީ ހަޔާތުގައި އަދި ލޯބީގައި ނާކާމިޔާބުވެފައިވާ ނޫނީ ކޮންމެވެސް މައްސަލައަކާ ގުޅިގެން އޭނާގެ ހަޔާތުގައި ދަތިކަންތައްތަކަކާ ކުރިމަތިލާންޖެހޭ ކަހަލަ، ސާކޭސްޓިކް، ސޭކު ކަންތައް ކުރާ މީހެއްގެ ރޯލެވެ. އެކަމަކު އޭނާއަށް ފަހުން ލޯބި އަދި ކާމިޔާބީ ލިބެ އެވެ. މިސާލަކަށް "ދަ ވޯޓަ ބޯއީ"، "ބިލީ މެޑިސަން"، "ހެޕީ ގިލްމޯ"، "ދަ ވެޑިން ސިންގަ"، "މރ. ޑީޑްސް"، "ލިޓްލް ނިކީ"، "ދަ ލޯންގަސްޓް ޔާޑް"، "50 ފަސްޓް ޑޭޓްސް"، "ކްލިކް"، "ބެޑްޓައިމް ސްޓޯރީޒް"، "އެންގަ މެނޭޖްމަންޓް"، "ޖަސްޓް ގޯ ވިތް އިޓް"، "މާޑަ މިސްޓްރީ"، "ގްރޯން އަޕްސް"ގެ ދެ ފިލްމް، "ހޮޓެލް ޓްރާންސިލްވޭނިއާ"ގެ ހަތަރު ފިލްމް އަދި "ބްލެންޑެޑް" ފަދަ ފިލްމް ހިމެނެ އެވެ.
5. ކްރިސް ޕްރެޓް
ކްރިސް ޕްރެޓް މައިގަނޑު ގޮތެއްގައި އަދާކުރަނީ ހެއްވާ ކަންތައްތައް ކުރާ އެކްޝަން ހީރޯއެއްގެ ރޯލެވެ. މި ގޮތުން "ގާޑިއަންސް އޮފް ގެލެކްސީ" އާއި "އެވެންޖާސް" ފިލްމްތަކުގައި ސްޓާ ލޯޑްގެ ރޯލް، "ޖުރޭސިކް ވާލްޑް" ފްރެންޗައިޒްގައި އޯވެން ގްރޭޑީ، "ދަ ޓުމޯރޯ ވޯ" ގައި ޑޭން ފޮރެސްޓާ ޖޫނިއަ އަދި "ޕެސެންޖާސް" ގައި ޖިމް ޕްރެސްޓަންގެ ރޯލް އަދާކޮށްފައިވެ އެވެ.
6. ހެރިސަން ފޯޑް
ހެރިސަން ފޯޑަކީ 80 ގެ އަދި 90ގެ އަހަރުތަކުގައި މަޝްހޫރު އެކްޝަން ފިލްމް ފްރެންޗައިޒްތައް ކުޅެފައިވާ، މަގްބޫލު ތަރިއެކެވެ. އޭނާ ވަނީ "ކައުބޯއީޒް އެންޑް އޭލިއަންސް"، "އެއާފޯސް ވަން"، "ޕެޓްރިއޮޓް ގޭމްސް"، "ފަޔަރވޯލް"، "ވިޓްނަސް"، "ދަ ފިއުޖިޓިވް"، "ސްޓާ ވޯޒް"ގެ ހަތަރު ފިލްމެއްގައި ހާން ސޯލޯގެ ރޯލް، "އިންޑިއާނާ ޖޯންސް"ގެ ހަތަރު ފިލްމެއްގައި އިންޑިއާނާ ޖޯންސްގެ ރޯލް އަދާކޮށްފަ އެވެ.
7. މިއްލާ ޔޮވޮވޮވިޗް
މިއްލާ ޔޮވޮވޮވިޗް އަކީ އެކްޝަން އަދި ސައިންސް ފިކްޝަން ފިލްމް ކުޅޭ ތަރިއެކެވެ. އޭނާގެ ފިލްމްތަކުގައި އާންމުކޮށް ކޮންމެވެސް ކަމެއް ހޯދުމަށް ނޫނީ ހުއްޓުވާ، ކަމަކުން ސަލާމަތްވުމަށް އުފުލަންޖެހޭ ދަތި އުނދަގޫތަކާއި އެކްޝަނުން ފުރިގެންވާ ފައިޓްތައް ދައްކައިދެ އެވެ. މިގޮތުން މިއްލާ މިފަދަ ރޯލް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ޖޯން އޮފް އާކް"، "ފިފްތް އެލެމަންޓް"، "ރެސިޑެންޑް އީވަލް"ގެ ފަސް ފިލްމް، "އަލްޓްރާވައިލެޓް"، "ސާވައިވާ" ހިމެނެ އެވެ.